ޚަބަރު

އަނިޔާވެރިކަމާ އެކު މުޒާހަރާ ރޫޅާލުމަކީ ހެދި ބޮޑު ގޯހެއް، ޒުވާނުން ޝަރުތަކާ ނުލާ މިނިވަންކުރޭ: އެމްޑީޕީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ މަހްޒޫމް ހައްޔަރުކުރަނީ / ފޮޓޯ:އެކްސް

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން އިސްނަގައިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާ އަނިޔާވެރިކަމާ އެކު ރޫޅާލުމަކީ ސަރުކާރަށް ގޮތް ހުސްވެ ހެދި ބޮޑު ގޯހެއް ކަމަށާއި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވަމުން ދަނިކޮށް ހައްޔަރުކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލާ މިނިވަން ކުރުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.

Ads by STELCO

ޔުމްނުއަށް އިންސާފު ނުލިބޭ ކަމަށް ބުނެ، "ދުލެއް ނުކުރާނަން" ގެ ނަމުގައި ކުރިއަށް ގެންދާ މުޒާހަރާތައް ބާއްވަމުން އަންނަނީ މަޖީދީ މަގު، ހެންވޭރު ޕޮލިސް ހުންނަ ސަރަހައްދުގަ އެވެ. މިދިޔަ ދެ ހަފުތާއެއްހާ ދުވަހުގެ ކޮންމެ ރެއެއްގެ ވެސް 8 އިން 12 އަށް މުޒާހަރާތައް ކުރިއަށް ގެންދެ އެވެ. ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ 12 ޖަހަން އުޅެނިކޮށް ބާރުގެ ބޭނުންކޮށް ވަނީ ރޫޅާލާފަ އެވެ.

މުޒާހަރާ ރޫޅާލުމަށް ޕެޕާ ސްޕްރޭ ޖަހައި ބާރުގެ ބޭނުން ކުރުމުގެ ތެރޭގައި ފުލުހުންނާއި ޒުވާނުންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ވަނީ ހިނގާފަ އެވެ. ފުލުހުން ވަނީ ޒުވާނުން ބޭނުން ކުރަމުން ދިޔަ އަޑުގަދަކުރާ ފަދަ ތަކެތި އަތުލައިގަނެ، މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ދެ ޒުވާނަކު ހައްޔަރު ވެސް ކޮށްފަ އެވެ.

މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ހައްޔަރުކުރީ އަބްދުﷲ މަހްޒޫމް މާޖިދާއި އާއިޝަތު ޝިމަން އަހްމަދެވެ. ފުލުހުން ބުނީ މަހްޒޫމް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ޝިމަން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ރޭ ނެރުނު ނޫސް ބަޔާނުގައި ވަނީ މަހްޒޫމާއި ޝިމަން ހައްޔަރު ކުރުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ އިތުރުން ޒުވާނުންގެ މުޒާހަރާގެ ތެރެއަށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ޕެޕާ ސްޕްރޭ ޖެހުން ކުށްވެރިކޮށްފަ އެވެ.

"އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށްވާއިރު އެ ހައްގުގެ ބޭނުންކޮށް ޒުވާނުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަށް ކުރަމުންދާ މުޒާހަރާތައް އަނިޔާވެރިކަމާ އެކު ރޫޅާލުމަކީ ސަރުކާރަށް ގޮތް ހުސްވެ، ހެއްދެވި ބޮޑު ގޯހެކެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ރޭގެ މުޒާހަރާގައި ހަރަކާތްތެރިވަމުން ދަނިކޮށް ހައްޔަރުކުރި މަހްޒޫމާއި ޝިމަން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށާ އަދި ޒުވާނުންގެ މުޒާހަރާތަކަށް ފުރުސަތު ދީ ފުލުހުން ބޭނުންކޮށްގެން މުޒާހަރާތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

ޒުވާނުންގެ މުޒާހަރާ ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމަށް ބުނެ އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ފުލުހުންގެ ފަރާތުން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.

"އެކްސް" ގައި ނެރުނު އެ ބަޔާނުގައި ފުލުހުން ބުނީ ފާއިތުވި ދުވަސްތަކުގައި މަޖީދީ މަގުގައި ދުއްވާ އުޅަނދުފަހަރަށް އެ މަގު ބަންދުވާ ގޮތަށް ކުރަމުންދާ މުޒާހަރާގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމުގެ ޝަކުވާތައް މެދުނުކެނޑި ލިބެމުންދާ ކަމަށެވެ.

"މި އިހުތިޖާޖުގައި މަޖީދީމަގު ފަދަ މުހިންމު މަގެއް ދަތުރުފަތުރަށް ބަންދުވާ ގޮތަށް، މިއުޒިކު ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅުން ފަދަ އާންމު މަސްލަހަތާ ފުށުއަރާ ކަންތައްތަކެއް ކުރަމުން ގެންދިއުމާ ގުޅިގެން، މިފަދަ ކަންތައްތައް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ އެވެ." ފުލުހުންގެ ބަޔާނުގައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެކި ރޭ މަތިން ތަކުރާރުކޮށް ނަސޭހަތްތެރިވެ، ގާނޫނީ އިންޒާރު ދިނުމަށްފަހު، ރޭގެ ހަރަކާތްތައް ހުއްޓުވައި މުޒާހަރާ ރޫޅާލީ، މިއަދަކީ ޖީސީއީ އޯލެވެލް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާން ޖެހޭ ދުވަހަކަށް ވާތީ ކަމުގަ އެވެ.

"މި ފިޔަވަޅު އަޅާފައި ވަނީ ދަރިވަރުންގެ ތައުލީމީ މަސްލަހަތަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ." ފުލުހުންގެ ބަޔާނުގައިވެ އެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު އެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ.

Ads by Allied Insurance