25 ފްލޯގެ އިމާރާތްތަކުގައި އަލިފާން ނިއްވުމަށް އެކަށީގެންވާ ކެޕޭސިޓީއެއް ނެތް: ރައީސް

25 ފްލޯގެ އުސް އިމާރާތްތަކުގައި އަލިފާން ނިއްވުމަށް އެކަށީގެންވާ ކެޕޭސިޓީއެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ހިދުމަތްތައް އޮތީ ކަންބޮޑުވާ މިންވަރަށް ހާލަތު ދަށަށް ގޮސްފައި ކަމަށެވެ.
އެހެންވެ ދެ އަހަރަށް ބަހާލައިގެން އެކަމަށް ބަޖެޓުން ހަރަދުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިސާލަކަށް ވަރަށް އުސް އިމާރާތްތައް ހުރޭ 25 ބުރިއަށް. މިއިންތަނެއްގައި ކަމެއް ހިނގައިފިނަމަ، އިރާދަ ކުރެއްވިއްޔާ ނުހިނގާނެ އަޅުގަނޑުމެންގެ ދުއާއަކީ އެއީ. އަޅުގަނޑުމެންގެ ކެޕޭސިޓީއެއް ނެތް. ތިޔަ ބޭފުޅުންނަށް ވެސް އެނގޭނެ އެމްއެންޑީއެފްގައި ނެތްކަން" ރައީސް ވިދާޅުވި އެވެ.
އެހެންކަމުން ފަޔާ އެންޑް ރެސްކިއު ސާވިސާސް ވަރަށް ބޮޑަށް އަޕްގްރޭޑްކުރަން ޖެހޭކަން ރައީސް ފާހަގަ ކުރެއްވި އެވެ.
އޭގެ އިތުރުން ރާއްޖެއަކީ 99 އިންސައްތަ ކަނޑުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މިހާރު ކޯސްޓު ގާޑުގެ ގޮތުގައި ވެސް ބޭނުންކުރަނީ ކުޑަކުޑަ ލޯންޗުތައް ކަމަށެވެ.
"އޭގެ ތެރެއިން ވެސް ގިނަ ލޯންޗުތައް ހަމަ ގްރައުންޑް ވެފަ. އެހެންވީމާ [އަފްގްރޭޑް] ކުރުމަކީ ކުރަން ޖެހޭ ކަމެއް. އަސާސީ ކަމެއް މިއީ" ރައީސް ވިދާޅުވި އެވެ.
ކޯސްޓުގާޑު އުޅަނދުތައް ދެގުނަ ކުރަން ނިންމީ އެހެންވެ ކަމަށާއި އޭގެ ތެރެއިން އެއް މަޝްރޫއުގެ ދަށުން ކޯސްޓު ގާޑުތައް ބަންނަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އިކޮނޮމިކް ޒޯން ބޮޑުވުމުން ކަނޑުތައް ބަލަހައްޓަން ކޯސްޓު ގާޑުގެ އުޅަނދުތައް އިތުރުކުރުން މުުހިންުކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.