ރަސްފަންނުގެ އުރަފަށް ކައިރިން މޫދަށް އެރޭ ސަރަހައްދުގައި ބޮއި އަޅަނީ

ރަސްފަންނު މޫދު ސަރަހައްދުގެ (އުރަފަށު ކައިރިއަށް) މޫދަށް އެރޭ ފަރާތްތަކާއި ޑައިވު ކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް، އެ ސަރަހައްދުގައު ބޮއި އަޅައި ވަކިކުރަން މާލޭ ސިޓީ ކައުންސިލްއިން ނިންމައިފި އެވެ.
އުރަފަށަކީ ގުދުރަތީގޮތުން އުފެދިފައިވާ ރަށްރަށުގެ ނުވަތަ ފަޅުފަޅުގެ ފަރުގެ ބޭރުފަރާތުން އަޑި އެނގޭފަށް ކެނޑި، ކަނޑަށް ފުންވެގެންދާ ހިސާބަށެވެ. ރަސްފަންނުގެ އުރަފަށް ސަރަހައްދަށް މަދުމަދުން މީހުން މޫދަށް އެދި ޑައިވްކުރަމުންދާ އިރު އެތަނާ ކައިިރިން އުޅަނދުތައް ދަތުރުކުރާ މައްސަލަތައް މީގެ ކުރިން ފެންމަތިވެފަ އެވެ.
މާލޭ ސިޓީ ކައުންސިލްއިން މިއަދު ވަނީ އެ މައްސަލައާ ގުޅޭގޮތުން ފުލުހުންނާއެކު މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.
އެ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ ރަސްފަންނުގެ އުރަފަށް ކައިރިން މޫދަށްއެރޭ ފަރާތްތަކާއި ޑައިވްކުރާ ފަރާތްތައް، މޫދަށް އެރެންޖެހޭ ސަރަހައްދު ވަކި ކުރަން، ކަނޑު ތޮށިން ފެށިގެން ބޭރަށް، 15 މީޓަރަށް ބޮއި އަޅައި އެ ސަރަހައްދު ވަކިކުރުމަށް މިހާރު ބަޔަކާ ހަވާލުވެސްކޮށްފައިވާ ކަމަށެވެ. އަދި މިހާރު މަސްބާނަން ތިބޭ ތަނަކީ މީހުން މަޑުކޮށްލަން ހަދައިފައިވާ ތެނެއްކަމުން މަސްބާނަން ތިބޭނެތަނެއް ހެދުމަށް ޓެންޑާ ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވަނީ ކަނޑު އުޅަނދު ފަހަރު ދަތުރުކުރުމުގައި ރަސްފަންނު ކަނޑު ތޮއްޓާ ކައިރި ކުރެވޭނެ ދުރުމިނެއް ކަޑައަޅައި، އެ ސަރަހައްދު ވަކިކުރުމަށް ވެސް މަޝްވަރާކޮށްފަ އެވެ.
އޭގެ އިތުރުން އުރަފަށް ސަރަހައްދާއި ކައިރި ކުރުމަކީ ނުރައްކާ ތެރި ޙާދިސާއެއް ހިނގާފާނެ ކަމެއްކަން އަންގައިދި ހޭލުންތެރިކުރުމަށް ޓަކައި، އުޅަނދު ފަހަރު ބޭނުން ކުރާ ފަރާތްތަކަށް ލީފުލެޓެއް ބެހުމަށް ވެސް ވަނީ ނިންމާފައެވެ. އަދި މަސް ބާނަން ދޮށި އުކާ ފަރާތްތަކުން، މީހުން މޫދަށް އެރިއުޅޭ ވަގުތު ތަކުގައި، އެ ސަރަހައްދަށް ދޮށި އުކުމަކީ ރަނގަޅުކަމެއް ކަމުގައި ނުވާތީ، އެ ފަރާތްތަކަށް އެ ކަން އެންގުމަށް ވެސް މަޝްވަރާ ކުރި އެވެ.
އަދި މޫދަށް އެރޭ ފަރާތްތަކާއި އުޅަނދު ފަހަރު ދުއްވާ ފަރާތްތަކަށް، އެ ސަރަހައްދު ކަނޑުތޮއްޓާއި ކައިރި ކުރުމަކީ ރައްކާތެރިކަމެއް ނޫންކަން ހަދާންކޮށް ދިނުމުގެ ގޮތުން، ސައިންބޯޑުތަކެއް ހަރުކުރަން ވެސް ވަނީ ނިންމައިފަ އެވެ.