މިނިވަން ކަމަށް ގެއްލުން ނުވާ ގޮތަށް އެއްބަސްވުންތައް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ޣައްސާން

އިންޑިއާ އާއެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުންތަކުގައި ހުރި މާއްދާތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ޑިފެންސް މިނިސްޓަރު އެހެން ވިދާޅުވެފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އިންޑިއާ އާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާން ޖެހޭ މައްސަލަތައް ހައްލުކޮށްފައިވާ ކަމަށެވެ.
އަސްކަރީ އެއްބަސްވުންތައް ހާމަކުރުމަކީ ވެވަޑައިގެންނެވި ވައުދުފުޅެއް ކަން ފާހަގަކުރައްވާ ވިދާޅުވެފައިވާ ގޮތުގައި އެއްބަސްވުންތަކާ ގުޅިގެން ދޭން ބޭނުންފުޅުވާ ޔަގީން ކަމަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމުގައި ގެއްލުންވާނެ ކަމެއް އޮތިއްޔާ އެކަމެއް މިހާރު ނޯންނާނެ ކަމުގަ އެވެ.
"ހުރި މައްސަލައެއް ވިއްޔާ ހައްލުކޮށްފިން... ކޮންފިޑެންޝިއަލިޓީ ކްލޯސް އޮންނަ ގޮތުން އެކަން ނުކުރެވޭތީ ބައިލެޓްރަލީ ވާހަކަ ދައްކަމުން މި ދަނީ. އެކަން ހާމަކުރަން. ހަމަ ވަރަށް ބޮޑަށް، އިޓްސް ކޮންޓިއުނިން ޕްރޮސެސް،" ރައީސް ވިދާޅުވެފައިވެ އެވެ.
އިސްލާހު ކުރެވުނު ކަންކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ވަނީ އެއްބަސްވުންތައް އެކުލަވާލެވިފައިވާ ގޮތުން އެ ތަފުސީލުތައް ހާމަކުރެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ. އެހެންނަމަވެސް ހާމަކުރެވޭތޯ މަޝްވަރާ ކުރެވެމުންދާކަން ފާހަގަކުރެއްވި އެވެ.
"ސޮއިކުރެވިފައިވާ އެއްބަސްވުންތަކުގެ ކޮންފިޑެންޝިއަލިޓީ ކްލޯސް އޮތުމާ އެކީގައި، ވަރަށް މަސައްކަތް ކުރެވިފައި އޮތް ކަމަކަށް ވާތީ. އަޅުގަނޑުމެންނަށް އަދި މިއަދާ ހަަމައަށް އައިއިރުގައި އެ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ހުރި ގައުމުތަކުގައި އަޅުގަނޑުމެންނަށް އެ ގައުމުތަކުގެ ރުހުމާ ނުލައި އެއްބަސްވުން ހާމަކުރުމުގެ ފުރުސަތު ލީގަލް އިޝޫއަކަށް ދާނެތީ،" ރައީސް ވިދާޅުވެފައިވެ އެވެ.
އިންޑިއާ އާއެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުންތައް ސަރުކާރަށް ހާމަނުކުރެވިގެން އުޅޭ ސަަބަބާ ގުޅޭ ގޮތުން މިއަދުގެ ރައްޔިތުންގެ މަޖިލިހަށް ހާޒިރުކޮށް ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ އެއްބަސްވުންތައް މިހާތަނަށް އައިއިރު ހާމަނުކުރެވި އޮތީ ސޮއިކުރެވިފައިވާ އެއްބަސްވުންތަކުގައި ހުރި މައުލޫމާތުތައް ސިއްރުކުރަން މަޖުބޫރުވާ ގޮތަށް މާއްދާތަކެއް އެއްބަސްވުންތަކުގައި ހިމެނިފައި ހުރުމުން ކަމަށެވެ.
ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބާ ޖުޅިގެން ސުވާލު ކުރެއްވި ވައިކަަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވަނީ އެއްބަސްވުންތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާކަން ފާހަގަކުރައްވާފަ އެވެ.
ޣައްސާން ވިދާޅުވި ގޮތުގައި ރާއްޖެ މިނިވަންވި އިންޑިއާ އާއެކު 100 އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަަމުގަ އެވެ. އެހެންނަމަވެސް ޑިފެންސް މިނިސްޓްރީން ޒިންމާވާ ގޮތަށް އޮތީ ހަތަރު އެއްބަސްވުން ކަމުގަ އެވެ.
"އެ އެއްބަސްވުންތައް ދެންމެ އިއްޒަތްތެރި މެމްބަރު ތިޔަ އިޝާރާތްކުރެއްވި ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައިވާ ގޮތުގެ މަތިން ދެ ގައުމުގެ ދޭތެރޭގައި އޮތް ގާތް ގުޅުމުގެ ތެރެއިން ދިވެހިރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތާއި އިސްތިގުލާލަށް އެއްވެސް ގެއްލުމެއް ނުވާ ގޮތަށް ބަދަލު ކުރުމުގެ މަސައްކަތްތައް ކުރެވި، އަދިވެސް ކުރެވެމުން އެބަދޭ،" ޣައްސާން ވިދާޅުވި އެވެ.
ކަމާ ގުޅުންހުރި އިތުރު ތަފުސީލަށް ވަޑައިނުގެން ޑިފެންސް މިނިސްޓަރު ވިދާޅުވީ މަޖިލިހުން އެދިއްޖެ ނަމަ 241 ކޮމިޓީއަށް އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރެވެން އޮތް މިންވަރަކަށް ހާމަކުރައްވާނެ ކަމަށެވެ.
