ޚަބަރު

މޯލްޑިވިއަނުން މުއްޔަށް ދަތުރުތައް ފަށަނީ، ފުރަތަމަ ދަތުރު މި މަހު 17 ގައި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މުލި އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސާފައި: މޯލްޑިވިއަނުން އެ އެއާޕޯޓަށް މި މަހުގެ 17 ވަނަ ދުވަހު ޝެޑިއުލް ދަތުރުތައް ފަށާނެ / ފޮޓޯ:އާރުއޭސީއެލް

މ. އަތޮޅުގައި ތަރައްގީކުރި ފުރަތަމަ އެއާޕޯޓު، މުލި އެއާޕޯޓަށް މި މަހުގެ 17 ވަނަ ދުވަހު ދަތުރުތައް ފެށުމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ނިންމައިފި އެވެ.

Ads by MPL

މުލި އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.

މަސައްކަތް ހަވާލުކުރި އެމްޓީސީސީން ވަނީ މަޝްރޫއަށް ބޭނުންވާ 14 ހެކްޓަރުގެ ބިން ހިއްކައި، 1،812 މީޓަރު ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތްކޮށްފަ އެވެ. އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށް ތަރައްގީކުރި އެއާޕޯޓުގައި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ވަނީ އަޅާފަ އެވެ.

މުލި އެއާޕޯޓުގެ މަސައްކަތް ނިންމައި ޓެސްޓު ފްލައިޓް ޖައްސާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެއާޕޯޓުގެ ޓެކްނިކަލް އެސެސްމަންޓުތައް މިހާރު ފުރިހަމަކޮށްފައިވާއިރު، މި މަހުގެ 15 ވަނަ ދުވަހު ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން އިއްޔެ ބުނީ އެ އެއާޕޯޓުގެ ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަށް އެތެރޭގެ ދަތުރުތައް ކުރާ ގައުމީ އެއާލައިން، މޯލްޑިވިއަން އާއި ވިލާ އެއާ އަދި މަންތާ އެއާލައިނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ހިންގާ މޯލްޑިވިއަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ އެ އެއާލައިނުން މުއްޔަށް ދަތުރުތައް ފެށުމަށް ނިންމާފައިވާކަން އިއުލާނުކޮށްފަ އެެވެ. އެގޮތުން އެ އެއާޕޯޓަށް ކުރާ ފުރަތަމަ ދަތުރުގެ ބުކިންއަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.

މޯލްޑިވިއަނުން ނިންމާފައި ވަނީ ހަފުތާއަކު އެއް ދަތުރު މުލި އެއާޕޯޓަށް ކުރުމަށެވެ. ހޮނިހިރު ދުވަހު ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 1،377 ރުފިޔާ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން މުއްޔަށް ފުރާނީ މެންދުރުފަހު 3:30 ގަ އެވެ. މުލިން ވީއައިއޭއަށް ފުރާ ގޮތަށް ހަމަޖައްސާފައި ވަނީ ހަވީރު 4:45 ގަ އެވެ.

އާރުއޭސީއެލްގެ ދަށުން ހިންގަން ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތަށް ބޭނުންވާ ބައެއް މުވައްޒަފުން މިހާރު ވަނީ ނަގާފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!