މުވައްޒަފުންގެ ޕެންޝަން ފަސޭހަގޮތަކަށް ދައްކަން ވަނީ އެއްބަސްވެވިފައި: ވެމްކޯ

ޕެންޝަން އޮފީހަށް ދައްކަންޖެހޭ ވެމްކޯގެ މުވައްޒަފުންގެ ޕެންޝަން ފަސޭހަ ގޮތަކަށް ދައްކަން އެއްބަސްވެވިފައިވާ ކަމަށް ވެމްކޯއިން ބުނެފި އެވެ.
ވެމްކޯގެ މުވައްޒަފުންގެ 8 މަސްދުވަހުގެ ފައިސާ ނުދައްކާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ވެމްކޯއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެއި ހަގިގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
އެހެން ނަމަވެސް ޕެންޝަންގެ ގޮތުގައި ޖަމާކުރަން ޖެހޭ ފައިސާ ޖަމާކުރުމުގައި މައްސަލަ އުޅޭކަން އެ އޮފީހުން ވެސް އެއްބަސްވި އެވެ.
ވެމްކޯއިން ބުނީ އެ ކުންފުނީގެ ހަރަދުތަކާއި މުވައްޒަފުންގެ މުސާރަ ހަމަަޖައްސަނީ ކުންފުންޏަށް ލިބޭ އާމްދަނީއިން ކަމަށެވެ.
އެހެން ނަމަވެސް ގިނަ ތަންތަނުން ލިބެން ޖެހޭ ފައިސާ ނުލިބޭއިރު މާލޭ ސިޓީ ކައުންސިލްއިން އެކަނި 66 މިލިއަން ރުފިޔާ ނުލިބި އެބައޮތް ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.
އެހެންވެ ޕެންޝަން އޮފީހާ ވާހަކަ ދައްކައިގެން ފަސޭހަ އިންތިޒާމެއްގެ ތެރެއިން ފައިސާ ދައްކާ ހަލާސްކުރެވޭނެ ގޮތަށް މިހާރު އެއްބަސްވެފައިވާކަމަށް ވެމްކޯއިން ބުންޏެވެ.
އެހެންވެ އެއްވެސް މުވައްޒަފެއްގެ ޕެންޝަން ހައްގަށް އުނިކަން ނާންނަގޮތަށް ފައިސާ ދެއްކޭނެ ގޮތަށް ކަންކަން ރޭވިފައިވާ ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.