ޚަބަރު ރައްޔިތުންގެ މަޖިލިސް

2007 ގެ ފަހުގެ ޖީލަށް ދުންފަތް މަނާކުރަން މަޖިލިހުން ފާސްކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ތެރެއިން / ފޮޓޯ:މަޖިލިސް

ދެހާސް ހަތަކުން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރުމަށް ކެބިނެޓުން ނިންމި "ޖެނެރޭޝަން ބޭން" ގެ ސިޔާސަތު ހިމަނައިގެން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.

Ads by MPL

ދިވެހި މުޖުތަމައު ދުންފަތާ ދުރުކުރުމަށް، ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލު ކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް "ޖެނެރޭޝަން ބޭން" ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ މިދިޔަ މާޗު މަހުގެ ފަހުކޮޅުގަ އެވެ.

އެކަމާ ގުޅޭގޮތުން ހިޔާލު ހޯދުމަށް ހުޅުވާލުމުން ގިނަ ބަޔަކު ވޯޓު ދިނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތް މަނާ ކުރުމަަށެވެ. އެހެންނަމަވެސް އެ ސިޔާސަތު އެކުލަވާލުމަށް ހެލްތު މިނިސްޓްރީން ދިރާސާކޮށް ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރުމަށް ފަހުގައި ކެބިނެޓުން ނިންމާފައި ވަނީ 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އުފަންވި އަދި އެ ތާރީހުގެ ފަހުން އުފަންވެފައިވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާ އަދި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކުރުމަށެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަލީ އަޝްރަގެވެ.

ބިލުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލި އެވެ. އެ ކޮމިޓީން ވަނީ މަސައްކަތް ނިންމައި މިދިޔަ އާދިއްތަ ދުވަހު ބިލު ތަޅުމަށް ފޮނުވާފަ އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ ކޮމިޓީ ރިޕޯޓު ތަޅުމަށް ހުށަހަޅާފަ އެވެ. ތަޅުމުން ނިންމީ ކޮމިޓީން ހުށަހެޅި ގޮތަށް އެެެއްވެސް ބަދަލެއް ނުގެނެސް ބިލު ފާސްކުރުމަށެވެ.

ބިލު ފާސްކޮށްފައި ވަނީ 63 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. ސަރުކާރަށް ތާއީދުކުރާ މެމްބަރުންނާ އެކު ބިލާ އެއްކޮޅަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް ވޯޓު ދިނެވެ. ބިލާ ދެކޮޅަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަމީން ފައިސަލް ވޯޓު ދެއްވިއިރު، ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަކި ގޮތަކަށް ވޯޓު ދެއްވާފައެއް ނުވެ އެވެ.

ބިލުގައި ވަނީ 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އުފަންވި އަދި އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށް ބުނެފަ އެވެ.

ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް އެ ތާރީހުގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ މީހުންނަށާއި އުމުރުން 21 އަހަރު ނުވާ މީހުންނަށް ވިއްކުން ވަނީ މަނާކޮށްފަ އެވެ. އަދި ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް ވިއްކުމުގެ މުއާމަލާތެއްގައި ވެސް އެ އުމުރުފުރައިގެ މީހަކު ބައިވެރިކޮށްގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

ބިލުގައި ބުނި ގޮތުގައި ދުންފަތް ވިއްކޭނީ ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސެއް އޮންނަ ފަރާތްތަކަށް ކަމަށާ އަދި ރަޖިސްޓްރީކޮށްފައިވާ ތަނަކުން ނޫން ގޮތަކަށް ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް ނުވިއްކޭނެ ކަމުގަ އެވެ. އަދި ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް ގަންނަނީ ކާކުކަން ނޭނގޭ ފަދަ ގޮތަކަށް ވެންޑިން މެޝިނަކުން ނުވަތަ ޕޯސްޓުގެ ޒަރީއާއިން ނުވަތަ އޮންލައިންކޮށް، ނުވަތަ އެ ނޫން ވެސް އަމިއްލައަށް ލިބިގަންނަ ހިދުމަތަކަށްވާ ގޮތަކަށް އެއިން އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ވިއްކައިގެން ނުވާނެ ކަމަށާއި ވިއްކަން ބަހައްޓައިގެން ވެސް ނުވާނެ ކަމުގަ އެވެ.

ދުންފަތް ވިއްކުމުގެ ހުއްދަ ދީފައިވާ ތަންތަނުން ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް ވިއްކާއިރު، އެ އެއްޗެއް ގަންނަ މީހާގެ އުމުރު ޔަގީން ކުރުމަކީ އެ އެއްޗެއް ވިއްކާ ފަރާތުގެ ޒިންމާއެއް ކަމުގަ އެވެ. ގަންނަ ފަރާތަކީ ދުންފަތް މަނާ އުމުރުފުރައިގެ މީހެއް ކަމަށް ބެލެވޭ ނަމަ، އެ މީހެއްގެ އައިޑީކާޑު ނުވަތަ އުމުރު އަންގައިދޭ ރަސްމީ ލިޔުމެއް ދެއްކުމަށް އަންގައި، އެ ލިޔުން ދެއްކުމުން ނޫނީ އެ މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ދުންފަތުގެ ވިޔަފާރިކުރާ ތަންތަނުގައި ދުންފަތް މަނާ އުމުރުފުރައިގެ މީހުންނަށް އެފަދަ ތަކެތި ވިއްކުމަކީ މަނާ ކަމެއް ކަމުގައި އަންގައިދޭ އިންޒާރެއް އާންމުންނަށް ފެންނާނެހެން ބަހައްޓަން ޖެހެ އެވެ.

ކެބިނެޓުން ނިންމާފައިވާ ގޮތަށް ބިލުގައި ވަނީ އަންނަ ނޮވެމްބަރު މަހުން ފެށިގެން ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފެށުމަށް ހިމަނާފަ އެވެ.

Ads by Ooredoo