ބްރޯޑްކޮމްގެ މެމްބަރު ކަމަށް ރިލްވާން އައްޔަންކުރަން މަޖިލިހުން ރުހުން ދީފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް މޫސާ ރިލްވާން އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން ރުހުން ދީފި އެވެ.
ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމު ހުންނެވި މުހައްމަދު ފަޒީން ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަޒީނުގެ އިސްތިއުފާ އާއެކު ހުސްވި މަގާމަށް 10 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
އެ ބޭފުޅުންގެ ނަންތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިހަށް ފޮނުއްވުމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މައްސަލަ ދިރާސާ ކުރުމަށް ފަހުގައި ތަޅުމަށް ފޮނުވާފައި ވަނީ 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބުނު ފަސް ނަމެވެ. އެ ނަންތަކަކީ:
- ޒީނާ ޒާހިރު - 85.13 މާކްސް
- އާމިނަތު ޝިޔާނާ - 83 މާކްސް
- ޝިމްލާ އަހްމަދު - 82 މާކްސް
- މޫސާ ރިލްވާން - 81 މާކްސް
- ޒަމްއަތު އަހްމަދު ވަހީދު - 77.50 މާކްސް
ކޮމިޓީން މާކްސް ދިނުމުގައި 75 އިންސައްތައަށް ވުރެ ދަށުން މާކްސް ލިބުނީ އަލީ ޔޫސުފާއި އިބްރާހިމް އަޝްރަފަށާއި މުހައްމަދު ޝަމީމާއި އަހްމަދު ޒާހިރުގެ އިތުރުން ފާތިމަތު ޒައީމާއަށެެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާއަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ވަނީ ހުށަހަޅާފަ އެވެ. ކޮމިޓީން މާކްސް ދީފައިވާ ތަރުތީބުން ނަންތަކަށް ވަކިވަކިން ވޯޓަށް އެހުމުން ޒީނާއަށާއި ޝިޔާނާ އަދި ޝިމްލާއަށް ފާސްވާން ބޭނުންވާ އަދަދަށް ވޯޓު ލިބިފައެއް ނުވެ އެވެ.
ބްރޯޑްކޮމްއަށް އައްޔަންކުރަން ފެންނަ ކަމަށް އެންމެ ގިނަ މާކްސް ލިބުނު ޒީނާއަށް ލިބުނީ 12 ވޯޓެވެ. އެ މަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް 52 މެމްބަރުން ވޯޓު ދިނެވެ. މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ޝިޔާނާއަށް 11 ވޯޓު ލިބުނެވެ. ނުފެންނަ ކަމަށް 55 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ. ޝިމްލާ އައްޔަންކުރަން ފެންނަ ކަމަށް 14 މެމްބަރުން ވޯޓު ދިން އިރު، ނުފެންނަ ކަމަށް 54 ވޯޓު ދީފައިވެ އެވެ.
އެ ތިން ނަމަށް ފަހު ހަތަރު ވަނައަށް އެންމެ ގިނަ މާކްސްއަށް ލިބުނު ރިލްވާން ބްރޯޑްކޮމްއަށް އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.
ރިލްވާނުގެ ނަން ފާސްވުމާ އެކު ލިސްޓުގައި ފަސް ވަނައަށް އޮތް ޒަމްއަތުގެ ނަމަށް ވޯޓަށް އަހާފައެއް ނުވެ އެވެ.
ރިލްވާނަކީ ޓީވީއެމްގައި ޕްރެޒެންޓަރެއް ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. ދާއިރާގައި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އޭނާ ވަނީ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް އެ ސްޓޭޝަނުގައި މަސައްކަތް ކުރައްވާފަ އެވެ. އޭގެ އިތުރުން ރިލްވާން ވަނީ ސަރުކާރުގެ އެކި އިދާރާތަކުގައި ޕަބްލިކް ރިލޭޝަންސް އޮފިސަރުގެ މަގާމު އަދާކުރައްވާފަ އެވެ.
ފަޒީންގެ މަގާމަށް ރިލްވާން އައްޔަންކުރަން މަޖިލިހުން ރުހުން ދިން އިރު، އެ ކޮމިޝަނުގެ މެމްބަރު އާމިނަތު އަމީނާ (އަނާ) ގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އިއްޔެ ބޭއްވި މަޖިލިހުގެ ޖަލްސާއަށް ރައީސް ވަނީ ފޮނުއްވާފަ އެވެ. ހަ ބޭފުޅަކު ކުރިމަތިލެއްވިިއިރު، ރިލްވާނާ އެކު ދެން ހިމެނެނީ ކޮމިޓީން އެންމެ މަތިން މާކްސް ލިބުނު ހަތަރު ބޭފުޅުންގެ އިތުރުން އަލީ ޔޫސުފެވެ.
ރައީސްގެ ލިސްޓުގައި ޒަމްއަތުގެ ނަން އެންމެ ކުރީގައި އޮތްއިރު، ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
