މެމްބަރު ކުޑޫގެ ސުވާލެއް: އެކްސިޑެންޓްތައް މަދުކުރަން ސަރުކާރުން ކުރީ ކީއްތޯ؟

އެކްސިޑެންޓްތައް މަދުކުރަން ސަރުކާރުން ވައުދުވި ގޮތަށް ގާނޫނާއި ގަވައިދުތަކަށް އިސްލާހު ގެނެސްފައި ނުވާތީ އެކަން ސާފުކޮށްދޭން ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަރިހުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް(ކުޑޫ) އެދިވަޑައިގެންފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބާރު ސްޕީޑްގައި ދުއްވާފައައި ރޭސް ކާރެއްގައި ޖެހިގެން ޒުވާނަކު މަރުވި ހާދިސާއާ ގުޅިގެން ނުރައްކާތެރި އެކްސިޑެންޓްތައް މަދުކޮށް ބާރު ސްޕީޑްގައި ދުއްވުން މަދުކުރަން ގާނޫނުތަކާއި ގަވައިދުތައް އިސްލާހު ކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ ވައުދުވެވަޑައިގެންފަ އެވެ.
އެކަން ފާހަގަކޮށް މެމްބަރު އިބްރާހިމް ހޯމް މިނިސްޓަރަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވީ ސިނަމާލެ ބުރިޖުގައި އެކްސިޑެންޓްތައް އާންމުވެ ނުރައްކާތެރި ހާދިސާތައް ހިނގަމުންދާން މިހާރު ފާާހަގަކުރެވިފައިވާ ކަމަށެވެ.
އެހެން ނަމަވެސް ރައީސް ވައުދުވެވަޑައިގަތް ގޮތަށް ގާނޫނާއި ގަވަައިދުތައް އިސްލާހުކުރަން މަސައްކަތްކޮށްފައިވާތަން ފެންނަން ނެތް ކަމަށް މެމްބަރު އިބްރާހިމް އިހުސާންއަށް ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.
އެގޮތުން އެފަދަ ގާނޫނެއް މަޖިލީހަށް ހުށަަހަޅާފައި ނެތްއިރު އަދި ސަރުކާރުގ ގެޒެޓުގައި އާ ގަވައިދެއްވެސް ގެޒެޓްވެސްކޮށްފައި ނެތް ކަން މެމްބަރު ފާހަގަކުރެއްވި އެވެ.
އެހެންވެ އެކްސިޑެންޓްތައް މަދުކުރެވޭނެ ނިޒާާމެއް ގާއިމުކޮށްފައިވޭތޯ ސާފުކޮށްދޭން މެމްބަރު އިބްރާހިމް އެދިވަޑަިއގެންފައިވެ އެވެ.
"ބުރިޖު މަތީގައި ދުއްވާ އުޅަނދުތަކުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރިކަމަށް ކުރެވިފައިވަނީ ނުވަތަ ކުރިމަތިވެމުންދަނީ ކޮން ކަމެއްތޯ؟ އަދި ކަނޑައެޅިފައިވާ މިންވަރަށް ވުރެ ބާރަށް ދުއްވާ ފަރާތްތައް ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރެވިފައިވޭތޯ އާއި އެ ނިޒާމަކީ ކޮބައިތޯ" މެމްބަރު އިހުސާންއަށް ފޮނުއްވި ސިޓީގައި ސާފުކޮށްދޭން އެދިވަޑައިގެންނެވި އެވެ.