ޚަބަރު ރައްޔިތުންގެ މަޖިލިސް

އަމީނަށް އިތުބާރު އޮތް ކަމަށް މަޖިލިހުން ފާސްކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު އަމީން މަޖިލިހަށް ހާޒިރުކުރުމުން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ / ފޮޓޯ:މަޖިލިސް

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށް، އޭނާގެ އިތުބާރު ނެތް ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި މައްސަލައިގައި އަމީނަށް އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.

Ads by MPL

އެ ޕާޓީއަށް ނިސްބަތްވާ 12 މެމްބަރުންގެ ސޮޔާ އެކުގައި އެމްޑީޕީން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

މިއަދު މެންދުރުފަހު ބޭއްވި ޖަލްސާއަށް އަމީން ހާޒިރުކޮށް ތުހުމަތުކުރެވޭ ކަންކަމާ ގުޅޭގޮތުން މެމްބަރުން ވަނީ އަމީން އާ ސުވާލުކޮށްފަ އެވެ. އޭނާ ވަނީ ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ.

އަސުރު ނަމާދަށް މެދުކަނޑާލުމަށް ޖަލްސާ އަލުން ފަށާފައި ހަވީރު ހަތަރެއް ޖެހިއިރެވެ. އަމީންގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާފައި ވަނީ 11 މެމްބަރުންނެވެ. އިތުބާރު އޮތް ކަމަށް 54 މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.

އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ވަޒީރުންގެ މަޖިލިހުގެ އެއްވެސް މެމްބަރަކު، މަގާމުގެ ހައިސިއްޔަތުން އެއިން މީހަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެ މީހަކު އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ވަޒީރުންގެ މަޖިލިހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށެވެ.

ހިނގައިގެން އުޅޭ ހާދިސާގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި އަމީން އާ އާއިލީ ގޮތުން ގުޅުންހުރި ދެ މީހަކު ހިމެނޭކަން މިނިސްޓަރުގެ އަމިއްލަ ބަހުން ވެސް އެނގި ހާމަވެފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. އަދި މައްސަލަ އާ ގުޅިގެން ފުލުހުން މިހާތަނަށް އާންމުކުރި މައުލޫމާތުތަކުން ވެސް އަމީން ދިިރިއުޅުއްވާގެ ކަމަށްވާ މއ. މާންދޫގޭދެކުނު ގޭގައި ހާދިސާ އާ ގުޅުންހުރި ކަންތައްތަކެއް ހިނގައިދިޔަކަން އެނގެން އޮތްކަން ފާހަގަކޮށްފައިވެ އެވެ.

އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި ފުލުހުންގެ ފަރާތުން ހާދިސާގެ މައުލޫމާތު އާންމުކުރުމުގައި، މިނިސްޓަރުގެ ގޭގެ ނަން ހާމަކޮށްފައި ނުވުމާއި އެ ގެ ބަލައި ފާސްކުރުމަށް ހިންގުނު އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ވެސް ސިއްރުކުރުމަށް މަސައްކަތްކޮށްފައިވާކަން އެނގެން އޮތް ކަމުގަ އެވެ.

އަމީންގެ އާއިލީ މަސްލަހަތު ހިމެނޭ ފަރާތްތައް ހިމާޔަތްކޮށް، އެ ފަރާތްތަކަށް ކުރިމަތިވެދާނެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހުމުގެ ޒިންމާއިން ބަރީއަކުރުމަށް، ފުލުހުން ހިންގަމުންދާ ތަހުގީގަށް މިނިސްޓަރުގެ ނުފޫޒު ފޯރުވުމަށް މަސައްކަތްކުރައްވާކަން ހާމަވާ ކަންކަން ފެންމަތިވެފައިވާ ކަމަށް ހުށަހެޅި މައްސަލައިގައިވެ އެވެ.

އެ ކަންކަމަކީ މަގާމުގެ ހައިސިއްޔަތުން މިނިސްޓަރަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން، އަމިއްލަ މަންފާ އާއި މަސްލަހަތު ކުރިއެރުވުމަށް ހިންގޭ އަމަލުތަކެއް ކަމަށާއި އެއީ ވަޒީރުންގެ މަޖިލިހުގެ މެމްބަރަކު ކޮށްގެން ނުވާނެ ކަންތައްތައް ކަމުގައި ބަޔާންކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި އަމީން މިނިސްޓަރުގެ މަގާމުގައި އިތުރަށް ހުރުމަކީ އާންމުންގެ ހައްގުތައް ގެއްލި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމުގަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!