ސިވިލް ސާވިސްއިން އޭޖީ އޮފީސް ވަކިކުރާ ބިލު މަޖިލީހުން ފާާސްކޮށްފި

"ބަންޑާރަ ނައިބު"ގެ އޮފީހުގެ ނަމުގައި ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާާރުގެ ވަކި އޮފީހެއް ގާއިމުކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން، ޕީއެންސީއަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އެ ބިލު މަޖިލީހުން މިއަދު ފާސްކުރީ 64 މެމްބަރުންގެ ވޯޓާއެކު އެވެ.
މިއީ ބަންޑާާރަ ނައިބުގެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާާއި އެ އޮފީސް ހިންގުމާ ގުޅޭ އުސޫލުތަކާއ،ި އެ އޮފީހުގެ މުވައްޒަފުންނާ ގުޅޭ އެންމެހާ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމުގެ މަގުސަދުގައި ހުށަހެޅި ބިލެއް ކަމަށް ބުނެފައިވެ އެވެ.
ބިލުގައި ބުނެފައިވާ ގޮތުން ބިލު ތަސްދީގުކުރުމާއެކު ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ގޮތުގައި ތިބި ސިވިލް ސަރވިސްގެ މުވައްޒަފުނ،ް އެ ހިނދުން ފެށިގެން ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ގޮތުގައި ބަދަލުވެގެންދާނެ އެވެ.
ބަންޑާރަނައިބުކަމުގެ މަގާމަށް މީހަކު އައްޔަންކޮށް ވަކިކުރާނ،ީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
އަދި ބަންޑާރަ ނައިބަށް ލިބެގެންވާ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި އެ މަގާމުގައި ހުންނަ މީހަކު ކޮށްގެން ނުވާނެ ކަންކަން ވެސް ބިލުގައި ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.