ޚަބަރު ވިޔަފާރި

ބަންކަރިން ހިދުމަތުން އެސްޓީއޯއަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އެމްޓީ މެރިން ބެލާ، ކާގޯ ބޯޓަށް ބަންކަރިންގެ ހިދުމަތް ދެނީ: ހިދުމަތުން މިހާތަނަށް 124 މިލިއަން ރުފިޔާ ވަނީ ލިބިފައި / ފޮޓޯ:އެމްޕީއެލް

މިދިޔަ ސެޕްޓެމްބަރު މަހު ފެށި ބަންކަރިން ހިދުމަތުން އެ ކުންފުންޏަށް މިހާތަނަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެސްޓީއޯގެ އަހަރީ ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން ޝިމާދު ވިދާޅުވީ އެ ކުންފުނިން ތެލުގެ ވިޔަފާރީގައި ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތް އިހަވަންދިއްޕޮޅު ސަރަހައްދުގައި ފެށި ނަމަވެސް އެ ހިދުމަތުގެ ވިޔަފާރި ރަނގަޅީ މާލެ ސަރަހައްދުގައި ކަމަށެވެ.

"އިހަވަންދިއްޕޮޅުގައި އަޅުގަނޑުމެން މަސައްކަތް ފެށީ. އިހަވަންދިއްޕޮޅުގައި ހަރަކާތްތައް ކޮންމެވެސް ވަރަކަށް ދަށް ނަމަވެސް މާލެ ސަރަހައްދުގައި އަޅުގަނޑުމެންގެ ނަތީޖާ ވަރަށް ރަނގަޅު،" ޝިމާދު ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ގޮތުގައި މިފަހުން ދުނިޔޭގެ އެންމެ ބޮޑު އެއް ކްރޫޒްލައިނާއަށް އެ ކުންފުނިން ބަންކަރިންގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމުގަ އެވެ. އެގޮތުން 1،200 ޓަނުގެ ތެޔޮ ވިއްކާފައިވާކަން ފާހަގަކުރެއްވި އެވެ.

"މިއިން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ވަނީ އަޅުގަނޑުމެންނަށް ބައިނަލްއަގުވާމީ ބޮޑެތި ޝިޕިންލައިނާސްތަކުގެ ކޮންފިޑެންސް ލިބިފައިވާކަން. އަދި އަޅުގަނޑުމެން މި ހިންގާ ޓްރާންސްސެކްޝަންތައް ރަނގަޅަށް ދާކަން،" ޝިމާދު ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު ކުންފުނީގެ އަހަރީ ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވަނީ / ފޮޓޯ:އެސްޓީއޯ

ޝިމާދު ވިދާޅުވީ ބަންކަރިން ހިދުމަތުން އެ ކުންފުންޏަށް މިހާތަނަށް 124 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ 11،500 މެޓްރިކް ޓަނުގެ ތެޔޮ ވިއްކައިގެން ލިބިފައިވާ އާމްދަނީ ކަމަށެވެ.

ބަންކަރިން އާ ގުޅިގެން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށް ޝިމާދު ވިދާޅުވި އެވެ. މި ހިދުމަތް ދެމުން އަންނަ އަވައްޓެރި ގައުމުތަކާ ވާދަކުރާ ނަމަ އެފަދަ ކަންކަމަށް ހައްލު ހޯދަން ޖެހޭ ކަމަށާއި ބަދަލުތައް ގެނައުމަށް ގުޅުންހުރި ފަރާތްތަކާ އެކު މަޝްވަރާކުރެވި މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެއްވި އެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓުގެ ދަށުން އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފެށުމަށް ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ އެއް ކުންފުނި، ވިޓޯލް އާއެކު އެސްޓީއޯއިން އެމްއޯޔޫއެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.

އެސްޓީއޯއިން ވަނީ ބަންކަރިން ހިދުމަތް ފޯރުކޮށްދިނުމަށް ދެ ބޯޓެއް ރާއްޖެއަަށް ގެނެސްފަ އެވެ. އެއީ ގާތްގަނޑަކަށް 4،000 ޓަނުގެ ތެޔޮ އުފުލުމުގެ ގާބިލުކަން ލިބިފައިވާ ދެ ބޯޓެވެ.

Ads by Ooredoo