ޚަބަރު

މުލީގެ އެއާޕޯޓަކީ ރަށުގެ ތަރައްގީގެ ދޮރާށި: ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މުލީ އެއާޕޯޓް ހުޅުވައި ދެއްވައި ރައީސް ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް

މިއަދު ހުޅުއްވައިދެއްވި މ. މުލީ އެއާޕޯޓަކީ ގިނަ ދާއިރާތަކަކުން ކުރިއެރުން ހޯދައިދޭނެ ދޮރޯއްޓެއްގެ ގޮތުގައި ވެގެންދާނޭ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MPL

މުލީ އެއާޕޯޓް ހުޅުވުމާއެކު، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުގެ ތެރޭގައި އެއާޕޯޓެއް އޮންނަ ރަށަކަށް ދެވޭ ގޮތް ހައްދަވައިދެއްވުމަށް ސަރުކާރުންވެފައިވާ ވައުދު، މުލަކު އަތޮޅުގައި ފުއްދަވައިދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ މިކަމަށްޓަކައި ޚާއްޞަކޮށްގެން އެ އެއާޕޯޓްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގަ އެވެ.

މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވިދާޅުވީ، މުލީގެ ތަރައްގީއަށް، އެތައް ދާއިރާއަކުން ކުރިއެރުން ހޯދޭނެ ދޮރޯއްޓަކަށް މުލީ އެއާޕޯޓްވާނެ ކަމުގައި އެވެ. ވަކިން ހާއްސަކޮށް، އިގްތިސާދީ ކުރިއެރުން ހޯދައިދެނިވި ދޮރޯއްޓެއް ކަމުގައި މުލީ އެއާޕޯޓްވާނެ ކަމުގައި އެ މަނިކުފާނު ވަނީ ސިފަކުރައްވާފަ އެވެ.

މުލީގެ ތަރައްގީއަށް ކުރަން ހުރި ގިނަ ކަންތައްތަކެއްގެ ފެށުން ކަމުގައި ވިދާޅުވެ ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ، ރަށުގެ މަގު ހެދުމުގެ މަސައްކަތް 2026 ވަނަ އަހަރު ފައްޓަވައިދެއްވާނެކަމުގެ ޔަގީންކަން، ދެއްވާފަ އެވެ.

ހަމަ މިއާއެކު ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަޝްރޫޢު މިހާރު އޮތީ އަމަލީ ގޮތުން މަސައްކަތް ފަށަން ތައްޔާރުވެފައިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް އަންނަ އަހަރު ތެރޭގައި ފައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން، ވަނީ ދެއްވާފަ އެވެ.