ޚަބަރު

ކުރިއަށް އޮތް ދެ ހަފުތާގައި 300 މަޝްރޫއުގައި ސޮއިކުރަން ތައްޔާރުވަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައީސް މުހައްމަދު މުއިއްޒު މިއަދު މ. މުލީގައި ތަރައްގީގެ މަޝްރޫއުތަކެއް އިފްތިތާހްކުރަނީ - ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭ 300އަށް ވުރެ ގިނަ މަޝްރޫއުގައި ސަރުކާރުން ސޮއިކުރަން ތައްޔާރުވަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މ. މުލީ ޑޮމެސްޓިކް އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުގައި ފެށި ނަމަވެސް ގިނަ މަޝްރޫއުތައް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭގެ ތެރެއިން މިހާރު 390 މަޝްރޫއެއްގައި ސޮއިކޮށްފައިވާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ. މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއެވެ. އަދި އަންނަން އޮތް ދެ ހަފުތާއެއްހާ ދުވަހު އިތުރު 30 މަޝްރޫއެއްގައި ސޮއިކުރާނެ ކަމަށް ވިދާޅުވި އެވެ.

"ވަރަށް ގާތުން ސަރުކާރުގެ ހުރިހާ އިދާރާއަކުން ގުޅިގެން މި މަސައްކަތްތައް މި ތަރުތީބު ކުރަނީ، އަވަހަށް ފެށުމަށް،" ރައީސް ވިދާޅުވިއެވެ.

ރަށްރަށުގައި ގާއިމްވެފައި ނުވަތަ މޮބިލައިޒްވެފައި އޮތް ކުންފުނިތަކާ ވެސް އެ ރަށެއްގެ މަޝްރޫއުތައް ހަވާކުރަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ. އެއީ ހަރަދު ކުޑަ ކުރަން ވެގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަދި މި ހަފްތާ ތެރޭގައި އަދި ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގަޔާ އެކީގައި އަދި އިތުރު 300އެއްހާ މަޝްރޫއެއްގައި ސޮއިކުރެވޭނެ. އޭގެ ތެރޭގައި ޕްރައިވެޓް ސެކްޓާއަށް ހުޅުވާލެވޭ މަޝްރޫއުތައް ވެސް ހިމެނޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ސޮއިކުރާ 300 މަޝްރޫއުތަކުގެ ތެރޭގައި ހުއްޓިފައި ހުރި20 މަޝްރޫއެއްގައިވެސް، އަމިއްލަ ވިޔަފާރިތައް ވެސް ހިމެނޭ ގޮތަށް، ސަރުކާރުން ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފެބްރުއަރީ މަހުން ފެށިގެން ކުރިއަށް އޮތް ދެ މަހާ ހަމައަށް 700 ނުވަތަ 800 މަޝްރޫއު ކުންފުނިތަކާ ހަވާލުކޮށް ނިންމޭނެ ކަމަށެވެ. މި މަޝްރޫއުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!