ޚަބަރު

ފީނަނިކޮށް ލޯންޗަކުން ޖެހި ބުރިވި އަތް އަދިވެސް ނުފެނޭ: ޕޮލިސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މެރިން ޕޮލިހުގެ އޮފިސަރުން ކަނޑުމަތީގައި ހަރަކާތްތެރި ވަނީ / ފޮޓޯ:ޕޮލިސް

ނ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްގެ ނެރު ކައިރީގައި ފީނަން އުޅެނިކޮށް ލޯންޗަކުން ޖެހި އަނިޔާވި މީހާގެ ބުރިވި އަތް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

Ads by STELCO

ރިސޯޓުގެ ނެރު ކައިރީ ފީނަން އުޅުނު ބައެއްގެ ތެރެއިން މީހެއްގެ ގައިގައި ލޯންޗަކުން ޖެހި އަނިޔާވި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ 10:30 ހާއިރެވެ.

ފުލުހުން ބުނެފައި ވަނީ އެ މީހާގެ ކަނާއަތް އުޅަނބޮއްޓާ ހިސާބުން ބުރިވެފައިވާ ކަމަށެވެ. އޭގެ އިތުރުން ވެސް އޭނާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ހާދިސާގައި އަނިޔާވީ 30 އަހަރުގެ ބަންގްލަދޭޝް މީހަކަށެވެ. އިތުރު ފަރުވާއަށް އޭނާ މާލެ ގެެނެސް އޭޑީކޭގައި އަންނަނީ ފަރުވާދެމުންނެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގުގައި ލޯންޗުގެ ކެޕްޓަން ހިމެނެހޭން ގިނަ އަދަދެއްގެ މީހުންނާ ސުވާލުކުރެވި ބަޔާން ނަގާފައިވާ ކަމަށެވެ.

"މައްސަލަ އާ ގުޅިގެން ހާދިސާ ހިނގި ސަރަހައްދު ދެ ފަހަރެއްގެ މަތިން ބަލައި ފާސްކުރެވިފައިވޭ. ނަމަވެސް އަނިޔާ ލިބުނު މީހާގެ ބުރިވި އަތް ފެނިފައެއް ނުވޭ،" މެސެޖުގައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށާއި ހެއްކަށް ބަލައި މިހާތަނަށް އަދި ފިޔަވަޅެއް އަޅާފައި ނުވާ ކަމުގަ އެވެ. އެހެންނަމަވެސް ތަހުގީގުގެ ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށް ފަހު ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަން ފާހަގަކުރި އެވެ.

Ads by Allied Insurance