ޗައިނާއިން ކުޅިވަރު ސާމާނު ހަދިޔާކޮށްފި

ޗައިނާ އެމްބަސީގެ ފަރާތުން ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ދިވެހިރާއްޖެއަށް ހަދިޔާކޮށްފި.
ހެންވޭރު ބޯޅަ ގޭގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތުގައި މި ކުޅިވަރު ސާމާނާ ސަރުކާރުގެ ފަރާތުން ހަވާލުވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
ޗައިނާގެ ފަރާތުން ސާމާނު ހަވާލުކޮށްދެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮން ޝިންހުއާ އެވެ.
މިއަދު ހަދިޔާކުރި ކުޅިވަރު ސާމާނުގެ ތެރޭގައި ހިމެނެނީ 400 ފުޓްބޯޅަ އާއި އެތުލެޓިކްސްގައި ބޭނުންކުރާ 60 ސްޓާޓިން ބްލޮކް އާއި 60 ހާޑަލްސްގެ އިތުރުން 1500 ޓޭބަލް ޓެނިސް ބޯޅަ އާއި 300 ރެކެޓާއި، 60 ޓީޓީ މޭޒުގެ އިތުރުން ސްކޯ ބޯޑުތަކާއި ޖަޖުންގެ ގޮނޑިތަކެވެ.
ޗައިނާ އަކީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ގިނަ އެހީތަކެއްވަމުން އަންނަ ގައުމެކެވެ. އެގޮތުން ކުޅިވަރު ސާމާނު ހަދިޔާކުރުމާއި، ދިވެހި އެތުލީޓުންނާއި ޓީމްތަކަށް ތަމްރީން ހެދުމުގެ ގިނަ ފުރުސަތުތަކެއް މީގެ ކުރިން ޗައިނާއިން ވަނީ ފަހިކޮށްދީފަ އެވެ.
