ޚަބަރު

ރައުދުގެ ތަހުގީގާ ގުޅޭ ގޮތުން ޕީޖީއާއެކު މަޝްވަރާކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައުދު އަހްމަދު ޒިލާލް: ފުލުހުން ބުނީ ތަހުގީގަށް އެއްބާރުލުން ނުދޭތީ އޭނާ ހައްޔަރުކުުރުމުގެ އަމުރަކަށް އެދިފައިވާ ކަމަށް

މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލުގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހާ މަޝްވަރާތަކެއް ކުރަން ފަށައިފި އެވެ.

Ads by MPL

ރައުދު ހައްޔަރުކުރީ ވެސް އެ ހާދިސާ ހިނގިތާ ހަފްތާއެއް ވާން އުޅެނިކޮށެވެ. ފުލުހުން އޭރު ބުނީ ރައުދު ހައްޔަރުކުރުން ލަސްވީ އެފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކުރުމަށް ފަހު ލިބޭ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ހެކި ނުލިބި މައްސަލަ ފެއިލްވެދާނެތީ ކަމަށެވެ.

ރައުދު ހައުްޔަރުކޮށް ހަތަރު ފަހަރެއްގެ މަތިން ބަންދު އިތުރުކުރުމަށް ފަހު އިއްޔެ ދޫކޮށްލުމަށް ފަހު އަލުން ހައްޔަރުކޮށް މިއަދު ވަނީ އޭނާގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފަ އެވެ.

އެއާއެކު އޭނާ ބަންދުކުރިތާ މާދަމައަށް 30 ދުވަސް ހަމަވާނެ އެވެ.

ޕީޖީގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއެވެ.

ރައުދުގެ ބަންދު އަމުރުތައް ހާމަކުރުން ކްރިމިނަލް ކޯޓުން ހުއްޓާލާފައިވާއިރު، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރި ފުރަތަމަ ކޯޓު އަމުރުގައިވާ ގޮތުން ހ. ފެންޓެނޯއީގޭގައި އުޅުމުގެ ތެރޭގައި ޔުމްނުއާއި ރައުދުއާ ދެެމެދު "ހަމަނުޖެހުމެއް" ހިނގި އެވެ. އެކަމަކު އެއީ ކޮންކަމަކާ ގުޅިގެން ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.

ފުލުހުން ފުރަތަމަ ބުނެފައިވާ ގޮތުގައި ޔުމްނު ވެއްޓުމުގައި ރައުދު ނުވަތަ އެހެން މީހެއްގެ ބައިވެރިވުން ނެތް ކަމުގަ އެވެ. އެހެންނަމަވެސް ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ރައުދު ހައްޔަރުކޮށްފައި ވަނީ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ދެމުން ނުދާކަން ފާހަަގަކޮށެވެ.

ޔުމްނު ވެއްޓުނު ރޭ އޭނާއާއި ރައުދު، މއ. މާންދޫގޭދެކުނުގެއަށް ބަޔަކާއެކު ދިޔަ އެވެ. އެ ގެއަށް ދިޔަ މީހުންނާއި އޭނާ އާއެކު އުޅުނު މީހުން ދެނެގަނެ، އެ މީހުންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

ޔުމްނުއަށް މެލޭޝިއާގައި ފަރުވާ ދެމުންދާއިރު، އޭނާގެ ބަޔާން ނަގަން އާއިލާއިން އެއްބާރުލުން ނުލިބޭތީ މެލޭޝިއާގެ ފުލުހުންނާ ގުޅިގެން ބަޔާން ނަގަން ފުލުހުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

 

 

Ads by HDC