އެސްޓްރަޒެނެކާ އަދި އެސްޓީއޯއިން ކެންސަ ސޮސައިޓީ އާ ގުޅިގެން އޮންކޮލޮޖީ ނާސަސް އެކްސެލެންސް ޕްރޮގްރާމެއް

އެސްޓްރަޒެނެކާ އަދި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން "އޮންކޮލޮޖީ ނާސަސް އެކްސެލެންސް"، އޯއެންއީ ގެ ނަމުގައި ޕްރޮގްރާމެއް ލޯންޗުކޮށް، ނަރުހުންނަށް ވޯކްޝޮޕްތައް ބާއްވައި ތަމްރީނުކޮށްފި އެވެ.
މި ޕްރޮގްރާމް ފަށާފައި ވަނީ މިދިޔަ އޭޕްރީލު މަހުގެ 17 ވަނަ ދުވަހު އެވެ. މިއީ ރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާ އިތުރަށް ހަރުދަނާ ކުރުމަށް އޮންކޮލޮޖީ ނަރުހުންނަށް އަމާޒުކޮށް ހިންގި ޕްރޮގްރާމެކެވެ.
އޯއެންއީ ޕްރޮގްރާމުގެ މަގުސަދަކީ ކެންސަރު ބައްޔަށް ފަރުވާ ދިނުމުގައި އޮންކޮލޮޖީ ނަރުހުން އަދާކުރާ މުހިންމު ރޯލު ފާހަގަކޮށް، އެކި އިދާރާތަކުގެ އެއްބާރުލުމާ އެކު އޮންކޮލޮޖީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ކުރިއެރުންތަކާ އެއްވަރަށް ރާއްޖެ ތައްޔާރު ކުރުމެވެ. ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާދޭ ހުރިހާ މައިގަނޑު ހޮސްޕިޓަލުތަކެއްގެ ނަރުހުންނަށް އަމާޒުކޮށްގެނެވެ.

ކެންސަރު ބަލީގެ ފަރުވާ އިތުރަށް ހަރުދަނާ ކުރަން އޮންކޮލޮޖީ ނަރުހުންނަށް އަމާޒުކޮށް ހިންގި ޕްރޮގްރާމުގެ ތެރެއިން / ފޮޓޯ:އެސްޓީއޯ
ޕްރޮގްރާމް އެކުލަވާލާފައި ވަނީ މައިގަނޑު ހަތަރު ސެޝަނެއްގެ މައްޗަށެވެ. މިހާތަނަށް ނިމިފައިވާ ދެ ސެޝަނުގެ ތެރެއިން ފުރަތަމަ ބޭއްވި ސެޝަނުގައި 55 ނަރުހުން ބައިވެރިވެފައިވާއިރު، ދެ ވަނަ ސެޝަނުގައި 59 ނަރުހުން ބައިވެރިވެފައިވެ އެވެ.
އޮންކޮލޮޖީ ނަރުހުންނަކީ ބަލިމީހާ އާއި އެ މީހާއަށް ދޭ ފަރުވާ އާ ދެމެދު އޮތް ގުޅުމަށްވާއިރު، ބޭސްފަރުވާގެ އިތުރުން ކެންސަރު ބައްޔާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ، ބަލިމީހުންނަށް ނަފުސާނީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ބައެއް ބަޔަކީ ނަރުހުން ކަމަށް ޕްރޮގްރާމާ ގުޅޭގޮތުން ކެންސަ ސޮސައިޓީގެ ރިޕްރެޒެންޓޭޓިވް ވިދާޅުވި އެވެ. އޭގެ އިތުރުން މި ޕްރޮގްރާމަކީ އެފަދަ ފަރާތްތަކުގެ މުހިންމުކަން ވަޒަންކޮށް، އޮންކޮލޮޖީ ނަރުހުން ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމުގައި ފާހަގަކުރެއްވި އެވެ.

ކެންސަރު ބަލީގެ ފަރުވާ އިތުރަށް ހަރުދަނާ ކުރަން އޮންކޮލޮޖީ ނަރުހުންނަށް އަމާޒުކޮށް ހިންގި ޕްރޮގްރާމުގެ ތެރެއިން / ފޮޓޯ:އެސްޓީއޯ
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ މައިގަނޑު މަގުސަދަކީ ޕްރޮގްރާމުގެ ދަށުން ކެންސަރު ބައްޔަށް ފަރުވާ ދިނުމުގައި މަސައްކަތްކުރާ ތަޖުރިބާކާރުން އެއްވެ، ރާއްޖޭގެ އޮންކޮލޮޖީ ނަރުހުންނަށް ވޯކްޝޮޕްތައް ބާއްވައި ތަމްރީނު ދިނުން ކަމަށެވެ.
ކެންސަރު ބައްޔާ ގުޅޭގޮތުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކޮށް، މި ބަލީގެ ފަރުވާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.
