ޚަބަރު

އޮރެންޖު ހިޔާއަށް ބަދަލުކުރި ތެލެސީމިއާ ސެންޓަރު ހުޅުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާގެ އިމާރާތަށް ބަދަލުކުރި ތެލެސީމިއާ ސެންޓަރު ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

Ads by STELCO

މިދިޔަ މާޗު މަސް ނިމެން އުޅެނިކޮށް ތެލެސީމިާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކުރަން ރައީސް މުއިއްޒު އެންގެވުމުން ސިފައިން އެ މަސައްކަތްކޮށް ނިންމައި ހެލްތު މިނިސްޓްރީއާ ހަވާލުކުރީ މި މަހުގެ ކުރީކޮޅު އެވެ.

އަދި މިއަދު އެ އިމާރާތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ތެލެސީމިއާ ސެންޓަރު  ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހުޅުވައިދެއްވައިފަ އެވެ.

އެ ސެންޓަރުގެ ހިދުމަތްތައް އޮރެންޖު ހިޔާއަށް ބަދަލުކުރުމުން ޖާގައިގެ ގޮތުން ތަނަވަސްވެ، ހިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

އެ ސެންޓަރުގައި ޖެނެރަލް ވޯޑްގެ އިތުރުން އަންހެނުންނަށް ހާއްސަ ވޯޑަކާއި، ކުޑަކުދިންނަށް ހާއްސަ ވޯޑެއް ހިމެނެއެވެ. އަދި ލޭ ރައްކާކުރުމުގެ ކެޕޭސިޓީ 200ލޭ ޕައިންޓުން 600 ލޭ ޕައިންޓަށް ވަނީ އިތުރުވެސްކޮށްފަ އެވެ.

އޭގެ އިތުރުން

  • ފަސް ނަރުހުންނާއި ހަ ލެބް ޓެކްނީޝަނުން އިތުރުކޮށް ދާއިމީ ފިޒީޝަނެއް ހަަމަޖައްސާފައިވޭ
  • އިދާރީ ބަޔަށްވެސް މުވައްޒަފުން އިތުރުކޮށް، ސްޓޯރޭޖް ބެލެހެއްޓުމަށްވެސް މުވައްޒަފުން ކުރިއަށްވުރެ އިތުރުކޮށްފައިވޭ
  • ސެންޓަރުން ހިދުމަތް ދިނުމަށް އިތުރު 16 މުވައްޒަފުން ވެސް ވަނީ ހަމަޖައްސާފަ

އޭގެ އިތުރުން ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން އޮރެންޖް ހިޔާއަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުމަށް، ބަސް ކާޑެއް ތައާރަފްކޮށް އޮރެންޖު ހިޔާއަށް ބަސްރޫޓެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.

Ads by HDC