ޚަބަރު

ހުޅުމާލެ ހޮސްޕިޓަލުގެ އާ އީއާރު ރައީސް ހުޅުވައިދެއްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހުޅުމާލެ ހޮސްޕިޓަލުގެ އާ އީއާރު ރައީސް ހުޅުވައިދެއްވުން

ހުޅުމާލެ ހޮސްޕިޓަލުގައި ތަރައްގީކުރި އާ އެމެޖެންސީ ރޫމް (އީއާރު) ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފި އެވެ.

Ads by STELCO

އެ އީއާރު ރައީސް މުއިއްޒު ހުޅުވައިދެެއްވީ މިއަދު އެ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އީއާރު ހުޅުވައިދެއްވުމަށް ފަހު ރައީސް މުއިއްޒު ވަނީ އެތަނުގައި އެވަގުތު ހިދުމަތް ހޯދަމުންދިޔަ ފާރާތްތަކާއި އެ ހޮސްޕިޓަލުގެ މުވައްޒަފުންނާ ބައްދަލުކޮށްލައްވައި  ވާހަކަފުޅު ވެސް ދައްކަވައިފަ އެވެ.

ޒަމާނީ މެޑިކަލް އާލާތްތަކާއިއެކު ފަރުމާކޮށްފައިވާ މި އިމަޖެންސީ ރޫމުގައި، ކްރިޓިކަލް ބަލިމީހުންނަށް ހާއްސަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއްވެސް ގާއިމުކޮށްފައި ވެއެވެ. އަދި ފުރާނައަށް ނުރައްކާވާ ހާލަތުގައި އަވަސް ފަރުވާދެވޭ އެންމެ ފުރިހަމަ އާލާތްތަކާއެކު، މި ރޫމް ތައްޔާރުކޮށްފައި ވަނީ ބޮޑެތި އިމަޖެންސީ ހާލަތްތަކަށް ހާއްސަ އިސްކަމެއް ދީގެންނެވެ.

އިމަޖެންސީ ރޫމުގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއަކީ ސަރުކާރުން ކަނޑައަޅާފައިވާ ސިއްހީ ސިޔާސަތުތަކުގެ ތެރެއިން، ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްގީކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފުރިހަމަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

އެ މަޝްރޫއު ނިމުމާއެކު ހުޅުމާލެ ހޮސްޕިޓަލްގެ އެމަރޖެންސީ ރޫމުގައި ފަރުވާދޭ އެނދުތަކުގެ އަދަދު ވަނީ ދެގުނަ ވެފައެވެ. މި މަޝްރޫއަށް ފަހު ހުޅުމާލެ ހޮސްޕިޓަލުގެ އެމަރޖެންސީ ރޫމުގައި މިހާރު އެއްފަހަރާ 14 އެނދުގައި ބަލި މީހުން އެޑްމިްޓްކޮށްގެން ފަރުވާ ދިނުމުގެ ގާބިލްކަން ހުންނާނެއެވެ.

މި ސަރުކާރުން އަންނަނީ ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ފަހިކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!