މާލެ ސިޓީ ކައުންސިލްގެ ހަފްލާތަކުގައި ދުފާ ތަކެތި ބޭނުން ކުރުން ހުއްޓާލަނީ

މާލެ ސިޓީ ކައުންސިލްގެ ހަފްލާތަކުގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރުމަށް އެ ކައުންސިލުން މިއަދު ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން އެ ގޮތަށް ނިންމީ ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހުށަހެޅުމަކާ ގުޅިގެން، މިއަދު އެ ކައުންސިލްއިން ބޭއްވި ހަތަރު ވަނަ ދައުރުގެ 196 ވަނަ އާންމު ޖަލްސާގައި ކުރި މަޝްވަރާއަށް ފަހު އެވެ.
އެގޮތުން ޖަލްސާގައި މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ އެއްވެސް ހަފުލާއެއްގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރާނެ ކަމަށެވެ.
އަދި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ އިންސާނުންގެ ސިއްހަތަށް ބަލާއިރު ދުފުމަކީ ވެސް ގެއްލުން ހުރި ކަމެއް ކަމަށާއި ދުނިޔޭގެ ސިއްހީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދުގެ މަތިން، އެންމެންގެ ރައްކަލަކަށް ޓަކައި، ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ކައުންސިލްގެ ހަފްލާތަކުގައި ބޭނުން ނުކުރުމަށް ތާއީދުކުރައްވާ ކަަމަށެވެ.
އާސަންދައިން ޝާއިއުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކެންސަރު ބައްޔަކީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން އެންމެ ގިނައިން ބޭސްފަރުވާގެ ހިދުމަތް ހޯދާ ބަލިކަން މާލެ ސިޓީ ކައުންސިލްއިން ފާހަގަކުރި އެވެ.
އެހެންކަމުން ކެންސަރަކީ ސިއްހީ ގޮތުން ކުރިމަތިވާ މައްސަލަތަކުގެ އިތުރުން، އިގުތިސާދީ ގޮތުން ވެސް ގިނަ ފައިސާތަކެއް ހަރަދުކުރަން ޖެހޭ ކަމަކަށް ވާތީ އެކަން ހުއްޓުވުމަށް އެންމެން ވެސް މަސައްކަތް ކުރަން ޖެހޭކަން ވެސް މާލެ ސިޓީ ކައުންސިލްއިން ފާހަގަކުރި އެވެ.