ވާނުވާ ބަންދުގައި ތިބި ދެ މީހަކު ޓެގް އަޅުވައި ދޫކޮށްލައިފި، އިތުރު ފަސް މީހަކަށް ލުއި ދެނީ

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ލުއި ދޭން ފެށި މަސައްކަތުގެ ތެރެއިން ދެ މީހަކު އިލެކްޓްރޯނިކް މޮނިޓަރިން ޓެގް އެޅުވުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި އިތުރު ފަސް މީހެއްގެ ބަންދަން ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު ކޯޓުތަކުގައި ކުރިއަށް ދާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
ވާނުވާ ބަންދުގައި ތިބޭ މީހުންގެ ތެރެއިން ބަންދަށް ލުއި ހޯދަން ހުށަހެޅުމުގެ ފުރުސަތު ޕީޖީ އޮފީހުން ހުޅުވާލީ މީގެ ހަފުތާއެއް ކުރިންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާ އެކު އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއިދިނުމުގެ ކަންކަން އިއްޔެ ފަށާފައިވާ ކަމަށެވެ.
ފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މި މައްސަލައަށް ހައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައަޅަމުން ގެންދަނީ އެ މީހުން މޮނިޓަ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުން ތައްޔާރުކުރާ އެސެސްމަންޓަށް ރިއާޔަތްކޮށް ކަމަށެވެ. އެސެސްމަންޓުތައް އެ އޮފީހަށް ލިބެމުންދާ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.
އެގޮތުން އިއްޔެގެ ނިޔަލަށް ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ދެ މީހެއްގެ ބަންދަށް މޮނިޓަރިން ނިޒާމުގެ ތެރެއިން ލުއި ދީފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި އިތުރު ފަސް މީހެއްގެ ބަންދަން ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު ކޯޓުތަކުގައި ކުރިއަށް ދާނެކަން ފާހަގަކުރި އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މި މަސައްކަތުގެ ތެރެއިން ބަންދަށް ލުއި ދެވޭނީ ޓެގް އެޅުވުމުން އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނަށް ކަމުގަ އެވެ. އެނޫން މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަށް ހަމަޖެހިފައި ނުވާ ކަމުގަ އެވެ.
އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަށް އަދި ހަމަޖެހިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރިމާންޑު ޖަލުތަކުގެ ޖާގައަށް ވުރެ އިތުރަށް މީހުން ބަންދު ކުރެވިފައިވާއިރު، މި މަސައްކަތުގެ ތެރެއިން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތި ކަމަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ލިބޭނެ ކަމަށެވެ. އަދި ބަންދުގައި ބައިތިއްބަން ޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ދެކޭ ކަމަށެވެ.
އަމާޒަކީ ޝަރީއަތް ނިމެންދެން މީހުން ބަންދު ކުރުމާ ގުޅޭ މައްސަލަތަކަށް ވަށާ ޖެހޭ އަދި ދާއިމީ ހައްލެއް ގެނައުން ކަމުގައި ވެސް ޕީޖީ އޮފީހުން ފާހަގަކުރި އެވެ.
ޕީޖީ އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ ހިލާފުވެއްޖެ ނަމަ، ވަގުތުން އެ މީހަކު އަލުން ބަންދު ކުރުމަށް ކޯޓުގައި އެދޭނެ ކަމުގަ އެވެ.
