ހުޅުމާލޭގައި މިއަދު ވެހިކަލް ދުއްވޭނެ، މަނާ ވާނީ މާލެ އާއި ވިލިމާލޭގައި

އަޟްހާ އީދު ދުވަސް ފާހަގަ ކުރުމަށް އާންމުން ހިންގާ ހަރަކާތްތަކަށް މަގުފަހިކުރުމަށް މިއަދު ހަވީރު ގްރޭޓާ މާލެ އޭރިއާގެ ހުރިހާ މަގެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމަށް ނިންމި ނިންމުން ބަދަލުކޮށް، އުޅަނދު ދުއްވުން މަނާ ވާނީ ހަމައެކަނި މާލެ އާއި ވިލިމާލޭގައި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން މިދިޔަ ބުދަ ދުވަހު ކުރި އިއުލާނުގައި ބުނެފައި ވަނީ މިއަދު ހަވީރު 4 އިން 6 އަށް ގްރޭޓާ މާލެ އޭރިއާގެ ހުރިހާ މަގުތަކެއްގައި އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުން މަނާ ވާނެ ކަމަށެވެ. އެގޮތަށް އިއުލާނުކުރީ އެ ކައުންސިލުން މިދިޔަ އަހަރު ބޭއްވި ރަސްމީ އާންމު ޖަލްސާއަކުން ފާސްކޮށްފައިވާ ނިންމުމަކާ ހަވާލާދީ އެވެ.
އެ ވަގުތުތަކުގައި އާންމު އުޅަނދު ދުއްވުން މަނާ ކުރި ނަމަވެސް، އިމަޖެންސީ ހާލަތްތަކުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާއަކާ ދުއްވޭނެ ކަމަށް އިއުލާނުގައިވެ އެވެ. އަދި އެންގުމާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަން ވެސް ފާހަގަކޮށްފައިވެ އެވެ.
މާލެ ސިޓީ ކައުންސިލުން އެގޮތަށް ނިންމާފައި ވަނިކޮށް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީން އިއްޔެ ހަވީރު ވަނީ ކަމާ ގުޅުންހުރި އިއުލާނެއް ނެރެފަ އެވެ.
އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މިއަދު ހަވީރު އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވާނީ މާލެ އާއި ވިލިމާލޭގެ މަގުތަކުގަ އެވެ. ހުޅުމާލެ ނުހިމަނައި ފާހަގަކޮށްފައި ވަނީ ނިންމުމާ ހިލާފުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގަ އެވެ.
އުޅަނދު ދުއްވުން މަނާ ވަގުތުގައި ފަސް ބާވަތެއްގެ އުޅަނދު ދުއްވުން އެ މިނިސްޓްރީން ވަނީ ހުއްދަކޮށްފަ އެވެ. އެއީ:
- ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތައް
- އެމްބިއުލެންސް
- ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ އުޅަނދުތައް
- ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތް
- ފުރާމީހުން ބޭނުން ކުރުމަށް ހުއްދަ ދެވޭ އުޅަނދުތައް
އެ ކަމާ ގުޅިގެން ފުލުހުން ވެސް ވަނީ "އެކްސް" ގައި ޕޯސްޓެއް ކޮށްފަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ އިއުލާނެކޭ އެއްގޮތަށް އެ ޕޯސްޓުގައި ވެސް ހުޅުމާލެ ނުހިމެނެ އެވެ.
ގުޅުންހުރި އިދާރާތަކުން އެހެން ފާހަގަކޮށްފައިވަނިކޮށް ސިޓީ ކައުންސިލުން ނެރުނު އިއުލާނާ ހަވާލާދީ މިއަދު މެންދުރުފަހު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު އުޅަނދު ނުދުއްވޭނީ މާލެ އާއި ވިލިމާލޭގައި ކަމަށެވެ. ހުޅުމާލޭގައި އުޅަނދު ބޭނުން ކުރެވޭނެ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
