ޚަބަރު

ވަށަފަރުގެ ރަށު ރަމްޒެއްގެ ގޮތުގައި ހަދާފައިވާ މޮނިއުމަންޓް ހުޅުވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ވަށަފަރުގެ ރަށު ރަމްޒެއްގެ ގޮތުގައި ހަދާފައިވާ މޮނިއުމަންޓް / ފޮޓޯ:ހެލްތު މިނިސްޓްރީ

ހއ. ވަށަފަރުގެ ރަށު ރަމްޒެއްގެ ގޮތުގައި ހަދާފައިވާ މޮނިއުމަންޓް ހުޅުވައިފި އެވެ.

Ads by STELCO

އެކަމަށް ޓަކައި ވަށަފަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މޮނިއުމަންޓް ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

މޮނިއުމަންޓް ހުޅުވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިފަދަ މަސައްކަތްތަކުން ރަމްޒުކޮށްދެނީ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ރަށުގެ ތަރައްގީއަށް ގެންގުޅޭ ވިސްނުން ކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން މިފަދަ ކަންކަމުން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމަށެވެ.

"ތަރައްގީ އާއި ތަހުޒީބު ރަށަށް ގެނައުމަށް ޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމާއި ފިކުރު. އެއީ އެންމެ މުހިންމު ކަންތައް ރަށަކަށް ބޭނުންވާނެ. އެހެންވީމާ އަޅުގަނޑަށް ފެންނަނީ ތިބޭފުޅުންގެ މަސައްކަތް ދަނީ ވަރަށް ރަނގަޅަށްކަން،" ނާޒިމް ވިދާޅުވި އެވެ.

ވަށަފަރުގައި ހަދާފައިވާ ރަށު ރަމްޒު ނުވަތަ މޮނިއުމަންޓަކީ އެ ރަށު މީހުން އުނބަށް ޖެހި ހާދިސާއަށް ބިނާކޮށް ހަދާފައިވާ މޮނިއުމަންޓެކެވެ.

މޮނިއުމަންޓުން ފެންނަން ހުންނަނީ އުނބެއްގެ މަތީގައި ބަހައްޓާފައިވާ ރިޔާ ނެގި ދޯންޏެކެވެ. މޫދުގައި ދަތުރު ކުރަމުންދާ މަންޒަރު ސިފަކޮށްދީފައިވާއިރު، އެ ދޯނީގެ ކައިރިން މަޑިއަކާއި ދެ ކޯމަސް ފެނެ އެވެ. ދޯނި މަތީގަ އާއި ކައިރީގައި ކުދި ހުސް އުނބުތަކެއް ވެސް ހުރެ އެވެ.

އެ ދޯނި ހުރި ބޮޑު އުނބު ފަރުމާކޮށްފައި ވަނީ އޭގެ ތެރެއިން ފެން ފައިބާ ގޮތަށެވެ. އެ އުނބުގެ ވަށައިގެން ވަނީ މަސް ފެންގަނޑެއް ތައްޔާރުކޮށްފަ އެވެ.

Ads by HDC