ޚަބަރު

ރައުދުއަށް ދައުވާކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައުދު އަހްމަދު ޒިލާލް: ދައުވާކުރަން ކްރިމިނަލް ކޯޓަށް މައްސަލަ ވަނީ ހުށަހަޅާފައި / ފޮޓޯ:ފުލުހުން

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލުގެ މައްޗަށް ދައުވާކުރުމަށް ހުށަހަޅައިފި އެވެ.

Ads by STELCO

މިދިޔަ އެޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޒަހަމްތަކަކާ އެކު ޔުމްނު ފުރާޅުމަތީގައި އޮއްވައި ފެނުނު މައްސަލަ އާ ގުޅިގެން ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އެޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.

ރައުދަށް ދައުވާ ކޮށްދިނުމަށް ފުލުހުން މައްސަލަ ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

ޕީޖީ އޮފީހުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި މައްސަލަ އާ ގުޅިގެން ރައުދުއަށް ދައުވާ ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ ކަމުގަ އެވެ. އެ ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

ރައުދުގެ މައްޗަށް ދައުވާ ކުރާ ސަބަބެއް ކަމަށް އެ އޮފީހުން ބުނީ ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެންލައިޓުން 18 އެޕްރީލުގެ ފަތިހު 4:54 ހާއިރު، ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީ ކަމަށެވެ. އަދި ޔުމްނުއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށެވެ.

ރައުދު ހައްޔަރު ކުުރުމަށް ފަހު، އޭނާގެ ބަންދުގެ މުއްދަތު ހަތަރު ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އިތުރުކުރި އެވެ. އެންމެފަހުން އިތުރުކުރި 20 ދުވަހުގެ ބަންދުގެ މުއްދަތު ހަމަނުވަނީސް މެއި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާ ދޫކޮށްލި އެވެ. އާ ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރުކޮށްފައި ވަނީ އެ ދުވަހުގެ ހަވީރެވެ.

އަލުން ހައްޔަރު ކުރުމަށް ފަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކުރި އެވެ. ރައުދުގެ މައްޗަށް ދައުވާ އުފުލުމަށް ޓަކައި ޕީޖީ އޮފީހަށް ހުށަހެޅުމުން މައްސަލަ ދިރާސާ ކުރުމަށް ފަހު، ބަންދުން ދޫކޮށްލުމަށް އެ އޮފީހުން އިރުޝާދު ދީފައިވާތީ އެ މުއްދަތު ހަމަނުވަނީސް އޭނާ ވަނީ ދޫކޮށްލާފަ އެވެ.

ރައުދުގެ ބަންދު އަމުރުތައް ހާމަކުރުން ކްރިމިނަލް ކޯޓުން ހުއްޓާލިއިރު، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރި ފުރަތަމަ ކޯޓު އަމުރުގައިވާ ގޮތުން ފެންޓެނޯއީ ގޭގައި އުޅުމުގެ ތެރޭގައި ޔުމްނު އާއި ރައުދު އާ ދެެމެދު "ހަމަނުޖެހުމެއް" ހިނގި އެވެ. އެކަމަކު އެއީ ކޮންކަމަކާ ގުޅިގެން ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.

ފުލުހުން ފުރަތަމަ ބުނެފައިވާ ގޮތުގައި ޔުމްނު ވެއްޓުމުގައި ރައުދު ނުވަތަ އެހެން މީހެއްގެ ބައިވެރިވުން ނެތް ކަމުގަ އެވެ. އެހެންނަމަވެސް ފަހުން ރައުދު ހައްޔަރުކޮށްފައި ވަނީ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ދެމުން ނުދާކަން ފާހަަގަކޮށެވެ.

ޔުމްނު ވެއްޓުނު ރޭ އޭނާ އާއި ރައުދު، މއ. މާންދޫގޭދެކުނު ގެއަށް ބަޔަކާ އެކު ދިޔަ އެވެ. އެ ގެއަށް ދިޔަ މީހުންނާއި އޭނާ އާއެކު އުޅުނު މީހުން ދެނެގަނެ، އެ މީހުންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

ޔުމްނުއަށް މެލޭޝިއާގައި ފަރުވާ ދެމުންދާއިރު، އޭނާގެ ބަޔާން ނަގަން އާއިލާއިން އެއްބާރުލުން ނުލިބޭތީ މެލޭޝިއާގެ ފުލުހުންނާ ގުޅިގެން ބަޔާން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

Ads by Allied Insurance