ސުޝާންތު އާއި ލޯބީގެ ގޮތުން ގުޅުނިން އެކަމަކު މަސްތުވާތަކެތި ބޭނުމެއް ނުކުރަން: ސާރާ ޢަލީ ޚާން
ސުޝާންތު ސިންގް ރާޖްޕޫތުގެ ނިމިދިޔުން މިވަނީ، ބޮލީވުޑާއިމެދު ގިނަ ބަޔަކަށް ކުރިން ނޭނގޭ އެތައް ކަމަކަށް ލޯހުޅުވާލި ކަމަކަށެވެ.
ބާންޑްރާ ގައި އޭނާ ދިރިއުޅޭ ގޭގައި މިއަހަރުގެ ޖޫން 14 ވަނަ ދުވަހު އަމިއްލައަށް މަރުވި ސުޝާންތުގެ މަރުގެ ތަހުގީގު އެހިސާބުން ވަނީ ފެށިފައެވެ. މުމްބައި ފުލުހުންގެ އަތުން ނަގާ ތަހުގީގުގެ މަސައްކަތް ސީބީއައި އާއި ހަވާލުކުރުމުން، ސުޝާންތުގެ މަރުގެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު އުފުލިފައިވާ އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ގެ ފޯނު ކްލޯނުކޮށް އޭގެ އެހީގައި ކުރިން ނޭނގޭ އެތައް ކަމެއް ވަނީ ހޯދިފައެވެ.
އެގޮތުން އެންމެ ބޮޑަށް ފެންމަތިވީ މައްސަލައަކީ ސުޝާންތަށް ރިއާ މަސްތުވާތަކެތި ދިން ކަމުގެ މައްސަލައެވެ. އެކަމަށް ރިއާ އެއްބަސްވެ، "ކްވޯން" ކިޔާ ކުންފުންޏެއް މެދުވެރިކޮށް މަސްތުވާތަކެތި ހޯދައިދިން ކަމަށް ވެސް އެއްބަސްވިއެވެ. އަދި އެމައްސަލައިގައި ރިއާ މިހާރު ފުލުހުންގެ ހައްޔަރުގައެވެ. ނަމަވެސް ތަހުގީގުގައި ރިއާ ވަނީ ބޮލީވުޑްގެ އެކްޓްރެސް ރުކުލް ޕްރީތު އާއި ސާރާ އަލީ ޚާން ވެސް މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ބުނެފައެވެ.
އެމައްސަލައިގެ ތަހުގީގަށް މިއަދު އެންސީބީ އަށް ސާރާ ވެސް ހާޒިރު ކުރިއިރު، އޭނާ މިވަނީ ކުރިން އެކަކަށް ވެސް ޔަގީން ވެފައިނުވާ ވާހަކައެއް ހާމަކޮށްފައެވެ.
ސާރާ ބުނެފައިވަނީ ސުޝާންތު އާއި ލޯބީގެ ގުޅުމެއް ބޭއްވި ކަމަށާއި ނަމަވެސް އޭނާ މަސްތުވާތަކެތި ބޭނުން ނުކުރާ ކަމަށެވެ.
ސާރާ ބުނީ ސުޝާންތު އާއެކު ފުރަތަމަ އޮތީ ރަހުމަތްތެރިކަމުގެ ގުޅުން ކަމަށާއި 2018 ވަނައަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޝޫޓިންގ ތެރެއިން އެމީހުންގެ ގުޅުން އިތުރަށް ގާތްވި ކަމަށެވެ. އަދި އެގުޅުން ލޯބީގެ ގުޅުމަށް ބަދަލުވެ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެދެމީހުން އެއްކޮށް "ކޮށް ސަމޫއީ" އަށް ޗުއްޓީ ހޭދަ ކުރުމަށް ވެސް ދިޔަ ކަމަށް ސާރާ ބުނެފައި ވެއެވެ.
އޭރުވެސް ސުޝާންތު މަސްތުވާތަކެތި ބޭނުން ކުރި ކަމަށާއި ނަމަވެސް ސާރާ އެފަދަ ކަމެއް ނުކުރާ ކަމަށް އެންސީބީ އަށް އޭނާ މައުލޫމާތު ދިނެވެ.
ރިއާ ޗަކްރަބަތީ ކުރިން ބުނި ގޮތުގައި ސުޝާންތު ގެ ޕަވާނާ ފާމްހައުސް ގައި ސާރާ އާއި ސުޝާންތު މަސްތުވާތަކެތި ބޭނުން ކުރިއެވެ. ނަމަވެސް ސާރާ އެކަމަށް އިންކާރު ކުރަމުން ބުނީ އެފާމް ހައުސަށް އޭނާ ކުރިން ދިޔަ ނަމަވެސް އެއްވެސް މަސްތުވާ އެއްޗެއް ބޭނުން ނުކުރާ ކަމަށެވެ.
ސާރާ ބުނީ ސުޝާންތު އާއެކު ލޯބީގެ ގުޅުން ކަނޑާލީ ސުޝާންތު މަސްތުވާތަކެތި ބޭނުން ކުރާތީއެއް ނޫން ކަމަށާއި، ސާރާގެ ކެރިއަރަށް ފޯކަސް ކުރުމަށް ކަމަށެވެ.