ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި މީހަކު ހޯދަނީ

ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް ފުލުހުން އިއުލާނު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މީހާ ހޯދަނީ އެ އިދާރާގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
މައްސަލައިގައި ފުލުހުން ހޯދަމުން ދަނީ ހދ. މަކުނުދޫ، ލުބޯގަސްދޮށުގެ، އާއިޝަތު މަލީހާ (22އ) އެވެ.
އޭނާގެ ވަނަވަރު އާންމުކުރީ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މަލީހާ ހާޒިރުކުރަން ބޭނުން ވަނީ މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށް ކަމުގަ އެވެ. އަންނަ ހަފުތާގެ ބުދަ ދުވަހުގެ ހެނދުނު 10 ޖަހާއިރަށް އޭނާ ހާޒިރުވާން ޖެހެނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށެވެ.
ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވައިގެން އޭނާ ކުރި މުއާމަލާތާ ގުޅޭ ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.