ޚަބަރު

ލޭ ހަދިޔާކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް

. ، ދެން އޮންލައިން

ލޭ ހަދިޔާކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ދަރިވަރުންގެ ޖަމްއިއްޔާތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

Ads by MPL

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާއި ގުޅިގެން ހެލްތު މިނިސްޓްރީއާއި ކޮލެޖު/ ޔުނިވާސިޓީތަކާއެކު އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ހ އަބްދުﷲ ނާޒިމް އިބްރާހިމެވެ.

އެ އެއްބަސްވުމުގައި ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ދަރިވަރުންގެ ޔޫނިއަންގެ ރައީސް އިބްރާހިމް މިޝަލް މޫސާ، އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ދަރިވަރުންގެ ގުޅުމުގެ ރައީސް ހުސައިން އަރުބާން ފައްވާޒް، ވިލާ ކޮލެޖް ސްޓޫޑަންޓް އެސޯސިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ރައީސް ހުސައިން ޖުނާން، މޯލްޑިވްސް ބިޒްނަސް ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ ކޮމިއުނިޓީ އެންގޭޖްމަންޓްގެ ސްޕެޝަލިސްޓް ރައްޔާން އަބުދުލްރަހީމް، ޒިކްރާ އިންޓަނޭޝަނަލް ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ޑީން އޮފް ފެކަލްޓީ އޮފް ސައިންސް އެންޑް ހިއުމަނިޓިސް އާމިނަތު ޒޫޝާން ހުސައިން، އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާރޝަރީ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީއިއޯ އާދިލް ރަޝީދު އެވެ.

އެ އެއްބަސްވުމުގައި މައިގަނޑު 05 ކަމެއް ހިމެނެ އެވެ.އޭގެތެރޭގައި ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކާއި، އުނގަންނައިދިނުމުގެ ތެރެއިންނާއި، އާންމުންގެ އެއްބާރުލުން ހޯދައިގެން ހިލޭސާބަހަށް ލޭ ހަދިޔާކުރުމަށް އެހީތެރިވެ، އެކަން ކުރިއެރުވުމަށް މަސައްކަތްކުރުމާއި، މުޖުތަމައުގެ އެހެން ފަރާތްތައް ގަވާއިދުން ހިލޭސާބަހަށް ލޭ ހަދިޔާކުރާ ބަޔަކަށް ހެދުމަށް ހިތްވަރުދިނުމާއި ލޭ ހަދިޔާކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ގައުމީ އިދާރާތަކާއި ކަމާގުޅޭ ޖަމްއިއްޔާތަކާއެކު މަސައްކަތްކުރުން ހިމެނެ އެވެ.

އަދި ފުރާނަ ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި ހިލޭސާބަހަށް ލޭ ހަދިޔާކުރާ މީހުންގެ އަގުވަޒަންކުރުން ވެސް ހިމެނެ އެވެ. މީގެއިތުރުން ލޭ ބޭނުންވާ އެންމެންނަށް ރައްކާތެރި، އިތުބާރުހުރި އަދި އެކަށީގެންވާ މިންވަރަށް ލޭ ލިބޭކަން ކަށަވަރުކުރުމަށް އެކި ދާއިރާތަކާއި މުއައްސަސާތަކާއެކު މަސައްކަތްކުރުމަށް ވެސް އެއްބަސްވެފައިވެ އެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 14 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ގޮތުގަ އެވެ.އެ ދުވަހާއި ގުޅިގެން މިއަހަރަށް ކަނޑައަޅާފައިވާ ޝިއަރަކީ ލޭދީގެން އުއްމީދެއް ދޭށެވެ.އެންމެން ގުޅިގެން ފުރާނަ ސަލާމަތްކުރަމެވެ.