ޑިމޮކްރެޓުން އެމްޑީޕީއާ ގުޅޭތީ ސޯލިހު މަރުހަބާ ކިޔައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ މެންބަރުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމުމުން ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓްސްއިން އަންގާރަ ދުވަހު ބޭއްވި އެ ޕާޓީގެ ނޭޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމުގައި އެ ޕާޓީގެ މެމްބަރުން އެމްޑީޕީ އާ ގުޅުމަށް ނިންމައި ގަރާރެއް ވަނީ ފާސްކޮށްފަ އެވެ. ނަޝީދުގެ އެދިވަޑައިގަތުމަށް އެ ގަރާރު ހުށަހެޅުއްވީ ވިމެން ޑިމޮކްރެޓްސްގެ ލީޑަރު ފާތިމަތު ހަމްދާ މުހައްމަދެވެ.
ހަމްދާގެ ގަރާރު ފާސްކޮށްފައި ވަނީ ވޯޓު ދެއްވި 44 މެމްބަރުންގެ ތެރެއިން 35 މެމްބަރުންގެ ތާއީދާ އެކުގަ އެވެ. ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ އެސެމްބްލީގެ މެމްބަރުން މެދުގައި އެ ނިންމުމާ މެދު ފުޅާދާއިރާއެއްގައި ހިޔާލު ބަދަލުކުރުމަށް ފަހުގަ އެވެ.
މިދިޔަ 5 އަހަރު ވެރިކަން ކުރެއްވި ސޯލިހު "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ އިސްލާމްދީނުގެ ސައްހަ އަގީގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ، ރައްޔިތުންގެ މަސްލަހަތު އަބަދުވެސް އިސްކުރާ ބަޔަކަށްވުމަށް އަޒުމް ކަނޑައެޅުމަށެވެ.
''ދަ ޑިމޮކްރެޓްސްގެ މެމްބަރުންއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވަން'' ސޯލިހުގެ ޕޯސްޓުގައި ވިދާޅުވި އެވެ.
