އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލި މީހާ ހައްޔަރުކޮށްފި، އަނިޔާވި މީހާގެ ހާލު ސީރިއަސް

މިދިޔަ ހޯމަ ދުވަހު ސައިކަލަކުން މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވުމުން ފިލި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ އެ ސައިކަލު ދުއްވި ގއ. މާމެންދޫ، މޫންލައިޓްވިލާ، މުހައްމަދު ނާޝިއު (20އ) އެވެ. އޭނާގެ ލައިސަންސްްއެއް ނޯވެ އެެވެ.
އޭނާ ވަނީ ހުޅުމާލެ ފޭސް 1 ނިރޮޅުމަގު، އައިއޯއެން ފިހާރަ ކުރިމަތީގައި އޮންނަ ކަފިހިހުރަސް މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލާފަ އެވެ.
އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ.
ކޯޓު އަމުރެއްގެ ދަށުން އިއްޔެ ނާޝިއު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ހަ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.