ތައުލީމީ އަދި ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް އިތުރު ގަޑީގެ ފައިސާ ލިބިދިނުމާ ގުޅޭ ގަރާރެއް

ތައުލީމީ އަދި ސިއްހީ ދާއިރާގެ މަސައްކަތްތެރިން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ނުލިބޭ ގޮތަށް ގިނަ ވަގުތު މަސައްކަތް ކުރަން ޖެހޭތީ އެކަމާ މެދު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ދެކޭ ގޮތް ބެލުމަށް ގަރާރެއް ހުށަހަޅައިފި އެވެ.
އެ ގަރާރު މަޖިލިހަށް ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަމީން ފައިސަލެވެ.
އަމީނުގެ ގަރާރުގައި ބުނީ އިތުުރު ގަޑީގެ އިނާޔަތް ނުލިބޭ ގޮތަށް ތައުލީމީ އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ދިމާވަމުންދާ ގޮންޖެހުންތައް ހައްލުކޮށް، އިތުރު ގަޑީގެ މަސައްކަތަށް އުޖޫރަ ދިނުމާ ގުޅޭ އުސޫލުތައް ރިވިއުކުރުމަށް ކަމާ ބެހޭ އިދާރާތަކަށް އެންގުމާ މެދު މެމްބަރުން ދެކޭ ގޮތް ދެނެގަތުމަކީ ގަރާރު ހުށަހެޅި ސަބަބެއް ކަމަށެވެ.
ގަރާރުގައި ވަނީ އެ ދެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދިނުމާއި އިތުރު ގަޑީގެ މަސައްކަތް ކުރުވޭނެ އެންމެ މަތީ މިންގަނޑު ހިމެނޭ ސީލިންތަކެއް ކަނޑައަޅާފައިވާކަން ފާހަގަކޮށްފަ އެވެ.
ދައުލަތުގެ އާ ޕޭ ފްރޭމްވޯކްގެ އޯޓީ އާ ގުޅޭ މިންގަނޑުގައި ބަޔާންކޮށްފައިވާ ގޮތުން އިތުރު ގަޑީގެ ފައިސާގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭނީ އެ މިންގަނޑުގައި އިތުރު ގަޑީގެ ފައިސާ ލިބޭނެ ކަމަށް ބުނެފައިވާ މުވައްޒަފުންގެ މަގާމުގެ އަސާސީ މުސާރައިގެ އެންމެ ގިނަވެގެން 10 އިންސައްތައަށް ވާ މިންވަރަށެވެ. އެ މިންވަރަށް ވުރެ އިތުރުވާ ގޮތަށް މުވައްޒަފުން ލައްވާ މަސައްކަތް ކުރުވުމަކީ މަނާ ކަމެކެވެ.
އެހެންނަމަވެސް ސިއްހީ ދާއިރާގައި އާންމުންނަށް ހިދުމަތް ދިނުމަށް އެކަށީގެންވާ އަދަދެއްގެ ސިއްހީ މަސައްކަތްތެރިން ނެތުމާ އެކު އެ ދާއިރާގައި މަސައްކަތްކުރާ ގިނަ މުވައްޒަފުން ރަސްމީ ގަޑީގެ އިތުރަށް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަން ޖެހޭ ކަމަށް ގަރާރުގައި ބުންޏެވެ. ހަމަ އެގޮތަށް ތައުލީމީ ދާއިރާގައި ޓީޗަރުންނާއި ސްކޫލުތައް ހިންގުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަކީ ސްކޫލު ގަޑިތަކުގެ ބޭރުން ވެސް ގިނަ ވަގުތުތަކެެއް މަސައްކަތުގައި ހޭދަކުރަން ޖެހިފައިވާ ފަރާތްތަކެއްގެ ގޮތުގައި ފާހަގަކުރި އެވެ.
ވުމާ އެކު ޕޭ ފްރޭމްވޯކްގެ ދަށުން އިތުރު ގަޑީގެ ފައިސާ ދިނުމަށް ކަނޑައަޅާފައިވާ ސީލިންއަށް ވުރެ އިތުރަށް އެއްވެސް މުވައްޒަފެއް ލައްވައި މަސައްކަތް ކުރުވަން ޖެހޭ ހާލަތުގައި އިތުރު ގަޑީގެ ފައިސާ ލިބިދެވޭނެ އިސްތިސްނާ އުސޫލެއް ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެއް ކަމުގައި ގަރާރުގައި ބުންޏެވެ.
އަމީނުގެ ގަރާރުގައި ބުނި ގޮތުގައި ވަޒީފާ އާ ބެހޭ ގާނޫނާ ހިލާފަށް ހެދޭ ކޮންމެ ގަވާއިދަކާއި އުސޫލަކާ އަދި ކޮންމެ މިންގަނޑަކީ ބާތިލު އެއްޗެއް ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، ވަޒީފާ އާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އިތުުރު ގަޑީގެ ފައިސާ ލިބިނުދެވޭ ގޮތަށް ޕޭ ފްރޭމްވޯކްގެ އޯޓީ އާ ގުޅޭ މިންގަނޑު ހެދުމަކީ އެ ގާނޫނާ ހިލާފު ކަމެއް ކަމުގަ އެވެ.
އެހެންކަމުން ތައުލީމީ އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ކުރަން ލާޒިމުވާ ހާލަތްތަކުގައި އެ މުވައްޒަފުން އިތުރު ގަޑީގައި ކުރާ މަސައްކަތުގެ އަގު ލިބިގެންދާނެ ގޮތަކަށް އުސޫލުތައް ރިވިއުކުރަން ޖެހޭ ކަމުގައި ވެސް ގަރާރުގައި ވަނީ ފާހަގަކޮށްފަ އެވެ.