ސްރީ ލަންކާގެ ރައީސް ޑިސަނަޔަކެ އަންނަ މަހު ރާއްޖެ ވަޑައިގަންނަަވަނީ

ސްރީ ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ އަންނަ މަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
ލަންކާގެ ފޮރިން މިނިސްޓްރީ އާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑިސަނަޔަކެ ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ 29 ވަނަ ދުވަހު އެވެ. ދަތުރުފުޅަކީ ލަންކާ އާއި ރާއްޖެ އާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް ކުރައްވާ ދަތުރުފުޅެއް ކަމުގައި ފާހަގަކޮށްފައިވެ އެވެ.
މިއީ ލަންކާގެ ރައީސްކަމުގެ މަގާމާ ޑިސަނަޔަކެ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅު ވާނީ މިދިޔަ އަަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޑިސަނަޔަކެ ބޭރު ގައުމަކަށް ކުރައްވާ ހަ ވަނަ ދަތުރުފުޅަށެވެ. މީގެކުރިން އެމަނިކުފާނު ވަނީ އިންޑިއާ، ޗައިނާ، ޔޫއޭއީ، ވިއެޓްނާމް އަދި ޖާމަނީއަށް ރަސްމީ ދަތުރުފުޅުތައް ކުރައްވާފަ އެވެ.
ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި ތިން ދުވަހުގެ މުއްދަތަކަށް ކުރައްވާ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ކުރައްވާނެ ކަމުގަ އެވެ.
ރާއްޖެ އާއި ލަންކާ އާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައި ވަނީ 1965 އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހު އެވެ.
ލަންކާގެ ރައީސްގެ ދަތުރުފުޅާ ގުޅޭގޮތުން ދިވެހި ސަރުކާރުން މިހާތަނަށް ބަހެއް ބުނެފައެއް ނުވެ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެ ދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.