ފައިނު އެކްސިޑެންޓް: ދެ ކުއްޖަކާއި މީހެއްގެ ހާލު ސީރިއަސް، އިތުރު ފަރުވާއަށް މާލެއަށް

ރ. ފައިނުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ ކުޑަކުދިން އިތުރު ފަރުވާއަށް މާލެއަށް ފޮނުވައިފި އެވެ.
އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. މައުލޫމާތު ލިބޭ ގޮތުން ސައިކަލުގައި ތިބީ 18 އަހަރުން ދަށުގެ ކުއްޖަކާއި ފައިނު ސްކޫލުގެ ދަރިވަރެކެވެ. ސައިކަލުން ޖެހިފައި ވަނީ ކަސްރަތަށް ހިނގަން ނިކުމެ އުޅުނު އެ ސްކޫލުގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގަ އެވެ.
އެކްސިޑެންޓާ ގުޅިގެން އެ ފަރާތްތަކަށް ލިބުނު އަނިޔާތަކަށް ފައިނު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ ދިނުމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ރޭ ވަނީ ގެންގޮސްފަ އެވެ.

ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ ކުދިން އިތުރު ފަރުވާއަށް މާލެއަށް ފޮނުވާލަނީ / ފޮޓޯ:އުނގޫފާރުޑޮޓްކޮމް
ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަންސް އޮފިސަރު ހަސަން ފަޒީލް މިއަދު "ދެން" އަށް ވިދާޅުވީ އަނިޔާ ލިބުނު ދެ ކުދިންނާއި މީހަކަށް އިތުރު ފަރުވާ ދިނުމަށް މާލެއަށް ފޮނުވުމަށް ޑޮކްޓަރުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކުޑަ ދެ ކުދިން ރ. އިފުރު އެއާޕޯޓުން އެއާ އެމްބިއުލާންސްގައި ހެނދުނު 9:45 ހާއިރު މާލެއަށް ފުރުވާލާފައިވާ ކަމަށް ފަޒީލް ވިދާޅުވި އެވެ. ބޮޑު މީހުންގެ ތެރެއިން އެކަކަށް އިތުރު ފަރުވާ ދިނުމަށް މާލެއަށް ފޮނުވުމަށް އާސަންދަ ހަމަޖެހިފައިވާ ކަމަށާއި ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެހުމާ އެކު ފޮނުވާނެކަން ފާހަގަކުރެއްވި އެވެ.
މާލެއަށް ފޮނުވަން ނިންމި ތިން ފަރާތުގެ ހާލު ސީރިއަސް ކަމަށާ އަދި އެކްސިޑެންޓުގައި އަނިޔާވި އަނެއް މީހާގެ ހާލު މިހާރު ސްޓޭބަލް ކަމަށް އޭނާ ވިދާޅުވި އެވެ.
