އެންޑްރޮއިޑް އިން އެޕަލް ކޮޕީ ކޮށްފި
އެންޑްރޮއިޑް އިން އެޕަލްގެ އެންމެ ފަހުގެ އައިއޯއެސް14 ގެ ފީޗަރ އެއް ކޮޕީ ކޮށްފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އައިއޯއެސް 14 މިހާރު ބޭނުން ކުރަން ފަށާފައިވާއިރު އެންމެ ފާހަގަކޮށްލެވުނު އެއް ފީޗާއަކީ ފޯނުގެ ރައްކާތެރި ކަމަށް ޓަކައި ފޯނުގެ ޑިސްޕްލޭގެ މަތިން ފެންނަ އޮރެންޖް ކުލަ އާއި ފެހި ކުލައިގެ ކުޑަ ތިއްކެވެ.
އޮރެންޖް ތިކި ފެންނަން އިން ނަމަ އޭގެ މާނަ އަކީ މައިކްރޮ ފޯނު ބޭނުން ކުރެވެނީ އެވެ. އެހެންވެ ފޯނު ބޭނުން ނުކުރާ ވަގުތެއްގައި ވެސް އޮރެންޖް ތިކި ފެންނަ ނަމަ އެކަމަށް ސަމާލުވާން ޖެހޭ ކަން އަންގައިދެއެވެ. ފެހި ކުލައިގެ ތިކި ސްކްރީންގެ މަތިން ފެންނަ ނަމަ އޭގެ މާނަ އަކީ ފޯނުގެ ކުރިމަތީ ކެމެރާ މަސައްކަތް ކުރަނީ އެވެ. އަދި ފޯނު ބޭނުން ނުކުރާ ވަގުތެއްގައި ވެސް ފެހި ތިކި އަރާފައި އިންނަ ނަމަ އޭގެ މާނަ އަކީ ކޮންމެވެސް އެޕަކުން ކެމެރާ މަސައްކަތް ކުރުވަނީ އެވެ.
އެޕަލް އިން މި ފީޗަރ ނެރުނުތާ މާ ގިނަ ދުވަހެއް ވެސް ނުވެ، އެންޑްރޮއިޑް އިން ވެސް މި ވަނީ މި ފީޗަރ ހިމެނޭ އެޕެއް ތައާރަފްކޮށްފައެވެ.
"އެސެސް ޑޮޓްސް" ގެ ނަމުގައި ނެރުނު އެޕެއް މެދުވެރިކޮށް އައިޖޭޕީ ނަމަކަށް ކިޔުނު ޑިވޮލޮޕަރެއް މި ވަނީ އެންޑްރޮއިޑަށް ވެސް މި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށްފައެވެ. މި އެޕް މެދުވެރިކޮށް ވެސް ފޯނުގެ ކެމެރާ ނުވަތަ މައިކްރޮފޯނު ބޭނުން ކުރާނަމަ ކުލަ ކުލައިގެ ތިކި ތަކުން އެކަން އަންގައިދޭނެއެވެ.