ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ކުދިން ބާރުވެރިކުރުވުމުން އިސްނަގައި ނަމޫނާ ދައްކާނެ: ސީޕީ

ޓްރެފިކް މޮނިޓާސް ޕްރޮގްރާމް މެދުވެރިކޮށް ކުދިން ބާރުވެރިކުރުވުން މުހިންމު ކަމަށާއި ޕްރޮގްރާމުން ތަމްރީނުކުރާ ޓްރެފިކް މޮނިޓަރުން މަގުމަތީގައި އިސްނަގައި ނަމޫނާ ދައްކާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެ އެވެ.
ސީޕީ އެހެން ވިދާޅުވެފައި ވަނީ ށ. މިލަންދޫގައި ބޭއްވި ޓްރެފިކް މޮނިޓާސް ޕްރޮގްރާމުގެ 115 ވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޓްރެފިކް މޮނިޓާސް ޕްރޮގްރާމް ފެށުނު ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި ނަވީން ވިދާޅުވީ ޕްރޮގްރާމަކީ ފުލުހުންނާ ގުޅިގެން ސްކޫލް ކުދިންނަށް ހިންގޭ އެކްސްޓްރާކަރިކިއުލާ އެކްޓިވިޓީއެއްގެ ގޮތުގައި ފެށުނު ޕްރޮގްރާމެއް ކަމަށެވެ. އޭރު ބެލެނިވެރިންނާއި ޓީޗަރުންގެ ފަރާތުން ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް މަޝްވަރާކޮށް ވާހަކަ ދައްކައިގެން އެ ކަންކަން ހައްލުކުރެވި، މިއަދު މި ޕްރޮގްރާމް ވަނީ ކާމިޔާބު ޕްރޮގްރާމަކަށް ވެފައި ކަމުގައި ފާހަގަކުރެއްވި އެވެ.
ނަވީން ވިދާޅުވި ގޮތުގައި ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރު ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުމަށާ އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓާ ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ފެށިފައިވާ ޕްރޮގްރާމެއް ކަމުގަ އެވެ. މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް މަދުކުރެވޭނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައި ކަމުގަ އެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 3،628 ދަރިވަރުން ތަމްރީނު ކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ.
"މި ކުދިން މިއަދުން ފެއްޓިގެން ދައްކާނީ ނަމޫނާ. ރައްޓެހިންނަށް، ކުދިބޮޑު އެންމެނަށް، އާއިލާ މީހުންނަށް، އަދި ރަށަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް. ސްކޫލު ވަގުތު، ޓްރެފިކް މޮނީޓަރުން ސްކޫލުން ހަމަޖައްސަވާ ފަރާތްތަކާ އެކު އެއީ ކޯޑިނޭޓަރުންނާއި ޓީޗަރުންނާ އެކު އަދި ފުލުހުންގެ އެހީތެރިކަމާ އެކު ސްކޫލަށް އަންނަ މި ކުދިންގެ ރައްޓެހިން ކްލާސްމޭޓުން އަދި އެކުގައި ކިޔަވާ ހުރިހާ ކުދިންނަށް ނަމޫނާ ދައްކާނެ،" ނަވީން ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ މަގުގައި ދުއްވާ ފަރާތްތަކާއި ހިނގައިބިނގާވާ ހުރިހާ ފަރާތްތަކަށް އިރުޝާދު ދިނުމާއި ޒިބްރާކްރޮސިންއިން މަގު ހުރަސްކުރާ ފަރާތްތަކަށް ތަން ދެއްކުމާ އަދި ސްކޫލުގެ ގޭޓު ކައިރީގައި ޕާކު ނުކުރުމަށް ނަސޭހަތްތެރިވުން ފަދަ ކަންކަން މި ކުދިން ކުރާނެ ކަމަށެވެ.
މި ޕްރޮގްރާމަކީ އިސްނަގައި ރީތި ބަހުން މުއާމަލާތްކޮށް، ޒިންމާދާރު އަދި ބަސްއަހާ ޒުވާނުންތަކެއް ބިނާކުރުމަށް ކޮށޭ މަގެއް ކަމަށާއި ބެލެނިވެރިން މި ކުދިންނަށް ހިތްވަރު ދިނުމަށް ސީޕީ އިލްތިމާސްކުރެއްވި އެވެ.
ނަވީންގެ ވާހަކައިގައި ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށް ބޭއްވުމަށް އެހީތެރިވެދިން ށ. އަތޮޅު ކައުންސިލާއި މިލަންދޫ ކައުންސިލާއި ރައްޔިތުންނަށާ އަދި ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލުގެ ސީނިއާ މެނޭޖްމަންޓަށް ޝުކުރު ދަންނަވާފަ އެވެ.
އޭގެ އިތުރުން ފުލުހުންގެ ހިދުމަތުން މި ޕްރޮގްރާމް ހިންގާ ބަހާތަކަށް، ހާއްސަކޮށް މާލެ ސިޓީ ޕޮލިސް، ޓްރެފިކް ޕޮލިސް އަދި އަޕާ ނޯތު ޕޮލިސް ރީޖަނަލް ކޮމާންޑަރަށް ޝުކުރު ދެންނެވި އެވެ. ސަރުކާރުގެ މުއައްސަސާތަކުން ފުލުހުންނަށް ދޭ އެއްބާރުލުން ވެސް ސީޕީ ވަނީ ފާހަަގަކުރައްވާފަ އެވެ.
މިލަންދޫ ސްކޫލުގައި ބޭއްވި އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އާސިމް އަބްދުﷲ، އަޕާ ނޯތު ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑް އޮފް ޕޮލިސް އިބްރާހިމް ޒުހުރީ، މިލަންދޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަބްދުލް ހަލީލް މުހައްމަދު، ށ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ޝިޔާމް، މިލަންދޫ ކައުންސިލުގެ ރައީސް އަބްދުﷲ އާތިފް، ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ އިސްވެރިންނާއި މުވައްޒަފުން އަދި ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވި އެވެ.
