ޒަރޫރީ ބޭނުމެއްގައި ހޮސްޕިޓަލަށް ދާން ޖެހިގެން އާޒިމާގެ މިއަދުގެ އަޑުއެހުން ކުރުކޮށްލައިފި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާގެ މިއަދު ބޭއްވި އަޑުއެހުން ކުރުކޮށްލައިފިއެވެ.
އެނގިފައިވާ ގޮތުގައި މިމައްސަލަ މިހާރު ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ ޙަސަން ސައީދު މިއަދުގެ އަޑުއެހުން ކުރުކޮށްލެއްވީ ޒަރޫރީ ބޭނުމެއްގައި އާޒިމާ މިއަދު 14:00 އަށް ހޮސްޕިޓަލަށް ވަޑައިގަންނަވަން ޖެހިގެންނެވެ.
އާޒިމާ ވަނީ އެގަޑީގައި ހޮސްޕިޓަލަށް ވަޑައިގަންނަނަވަން ޖެހޭކަން ކޯޓަށް އަންގަވާ، ހުއްދަވެސް ނަންގަވާފައި ކަމަށް މައުލޫމާތު ލިބެއެވެ.
ދައުލަތުން ވެސް އެކަމާއި އިއުތިރާޒު ނުވުމުން ގާޒީ ވަނީ އެހުއްދަ ދެއްވާ މިއަދުގެ އަޑުއެހުން ކުރުކޮށްލާފައެވެ. އަދި މިމައްސަލައިގެ ދެން އޮންނަ އަޑުއެހުން އަންނަ މަހުގެ 11 ވަނަ ދުވަހަށް ތާވަލު ވެސް ކުރެއްވިއެވެ.
ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެމަނިކުފާނާއި އޭސީސީއާ ދެމެދު ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އޭސީސީއަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ތުހުމަތުކޮށެވެ.