ވިސާ ނުނަގައި، ދިވެހިންނަށް ޑޮމިނިކާ އަށް ދެވޭނެ ގޮތް ހަމަޖައްސައިފި

ދިވެހި ސަރުކާރާއި ކޮމަންވެލްތް އޮފް ޑޮމިނިކާ ސަރުކާރާ ދެމެދު އިއްޔެ "އެގްރީމަންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔާމަންޓްސް ފޯ ދެއާ ރެސްޕެކްޓިވް ސިޓިޒެންސް" ގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން، ދިވެހިންނަށް ވިސާއާ ނުލައި ޑޮމިނިކާއަށް ދަތުރުކޮށް، އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ތިބެވޭނެ އެވެ. އަދި ހަމަ އެފަދައިން ޑޮމިނިކާ ރައްޔިތުނަށްވެސް ވިސާނެގުމެއްނެތި 30 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެ އެވެ.
އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ރާއްޖެއިން އ.ދ އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވުނު ރަސްމިއްޔާތުގައި، އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އެވެ. އަދި ޑޮމިނިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ޑޮމިނިކާއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ފިލްބާޓް އެރޮން އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުން އެއް ގައުމުން އަނެއް ގައުމަށް ފަސޭހަކަމާކާއެކު ދަތުރުކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ އެވެ.
