ގޮންޖެހުންތަކާ ކުރިމަތިލެވޭނެ ޒުވާން ޖީލެއް ބިނާކުރުމަށް ހޭދަކުރާނަން: ރައީސް

މުޖުތަމައުއަށް ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުމަށް ތައްޔާރު ޒުވާން ޖީލެއް ބިނާކުރުމަށް ހޭދަކުރަމުން ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން މިދާ ދުނިޔޭގެ އާބާދީ ދުވަހާއި ގުޅުވައިގެން ރައީސް މުއިއްޒު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ. އޭގައި އެމަނިކުފާނު ވަނީ އެންމެންނަށް ހަމަހަމަ ފުރުސަތުތަކާއި ދުޅަހެޔޮކަން ކަށަވަރު ކުރުމުގެ މުހިންމުކަމާއި މެދު ވިސްނައިލުމަށް ގޮވާލައިފަ އެވެ.
އެގޮތުން ރައީސް ވިދާޅުވީ 2062 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުންނަކީ 65 އަހަރުން މަތީގެ މީހުންކަމަށް ލަފާކުރެވޭ ކަމަށެވެ. މިކަމުގެ އަލީގައި މި ވެރިކަމުގައި މުހިންމުކަމެއް ދޭނެ ކަންކަމަށް ރައީސް އަލިއަޅުއްވައިލެއްވި އެވެ.
އެގޮތުން އުމުރުން ދުވަސްވީ މީހުންގެ މުޖުތަމައުއަށް ހާއްސަ އަހަމިއްޔަތުކަމެއް ދީގެން އެމީހުންނަށް ހުރި ފުރުސަތުތަކާއި އަދި ގޮންޖެހުންތަކާވެސް ކުރިމަތިލުމަށް ތައްޔާރުވެފައިވާ ޒުވާނުންތަކެއް ބިނާ ކުރުމަށް ހޭދަކުރައްވަމުން ގެންދަވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ދަރިމައިވުމުގެ ސިއްހީ ހިދުމަތްތައް ފުޅާ ކުރުމާއި، ތައުލީމީ ފެންވަރު ރަނގަޅު ކުރުމާއި، އެކަށީގެންވާ ބޯހިޔާވަހިކަން ފުޅާ ކުރުމުގެ އިތުރުން ކޮންމެ ދިވެއްސެއްގެ ޖުމްލަ އިޖުތިމާއީ އަދި އިގްތިސޯދީ ދުޅަހެޔޮކަން ރައްކާތެރި ކުރުމަށްވެސް ސަރުކާރުން ހޭދަކުރަމުން ގެންދާނެކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގައި ދަރިން ހޯދުން ނިސްބަތުން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ފަހުގެ ތަފާސް ހިސާބުތަކުން ވަނީ ފާހަގަވެފަ އެވެ. މިކަން މިގޮތަށް ހިނގުމުގައި އިޖުތިމާއީ ފެންވަރު ދަށަށް ދިޔުމާއި ލިބޭ އާމްދަނީ ދަށަށް ދިޔުމަކީ ސަބަބުތަކެއްކަންވެސް ވަނީ ފާހަގަކުރެވިފަ އެވެ.
