ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ފުރާވަޑައިގަތުމުގެ ކުރިން

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް މިއަދު ފުރާވަޑައިގެންފި އެވެ.

Ads by STELCO

ރައީސް އޮފީހުން ބުނީ މިއީ މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

އެ ދަތުރުފުޅުގައި، ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އަދި އެ ބައްދަލުކުރެއްވުންތަކުގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ވުނަކުރުމާއި ތައުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމާ މެދު މަޝްވަރާކޮށް ލަންޑަންގައި ބާއްވާ ބިޒްނަސް ފޯރަމެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ދަތުރުފުޅުގެ ސަބަބުން، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި އިތުބާރުގެ ތަރަހައިގެ މަތީގައި ބިނާކޮށްފައިވާ، ރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިފައެއްގައި ޚާރިޖީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ.

މި އަހަރަކީ، ދެ ގައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރުވެސް މެއެވެ.

Ads by HDC