ޑޮލަރުގެ އަގު ބޮޑުވާތިީ ގަވަރުނަރާ ބައްދަލުކުރަން އެމްޑީޕީން އެދިއްޖެ

ޑޮލަރުގެ އަގުބޮޑުވާތީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާ ބައްދަލުކުރަން އެމްޑީޕީން މިއަދު އެދިއްޖެ އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް(ކުޑޫ) މުނައްވަރަށް އެޑްރެސްކުރައްވައި މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ ބޭރު ފައިސާއަ ބެހޭ ގާނޫނަށް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފަށައި ޑޮލަރު މާރުކުރަން ފެށި ނަމަވެސް އިންސާފުވެރިކަމާއެކު ގާނޫނު ތަންފީޒު ނުކުރެވުމުގެ ސަބަބުން ޑޮލަރުގެ ކަޅު ބާޒާރެއް ރަސްމީކޮށް އުފެދިފައިވާ ކަމަށެވެ.
ހަމަ އެހެންމެ މާރުކުރާ ޑޮލަރުގެ 90 ޕަސެންޓްވެސް އެމްއެމްއޭއަށް ނަގަން ފެށުމުން އިމްޕޯޓްކުރާ ފަރާތްތަކަށް ބޭނުންވާ ޑޮލަރު ދަތިވެ ބޭންކުތަކުން ފޯރުކޮށްދޭ ޑޮލަރުވެސް ހުއްޓުމަކަށް އަންނަމުންދާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
އެހެންވެ އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން އެމްޑީޕިގެ ޕާލަމަންޓްރީ ގްރޫޕްގެ ބޭފުޅުންނާ މަޝްވަރާކުރަން ބައްދަލުކުރުުމުގެ ފުރުސަތަކަށް އިބްރާހިމް އެދިވަޑައިގެންނެވި އެވެ.
އިބްރާހިމްގެ ސިޓީގައި ފާހަގަކުރި މުހިންމު ކަންކަން
- ޑޮލަރު އަގުބޮޑުވުމުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ރައްޔިތުންނާއި ބޭރަށް ފުރާ ދިވެހީންނަށް ބޮޑު ތަކުލީފަށް ވެގެންދާނެ
- ޑޮލަރުގެ އަގު އުފުލުމުން މުދަލާއި ހިދުމަތުގެ އަގު އިންތިހާއަށް އުފުލި ބައެއް މުދާ އިމްޕޯޓްކުރުން ވިޔަފާރިވެރިންނަށް ހުއްޓާލަން ޖެހި ގިނަ ބާވަތެއްގެ އަސާސީ ތަކެއްޗާއި ކާބޯތަކެތި އިތުރަށް އަގުބޮޑުވެ ނުވަތަ ލިބުން ދަތިވެ ނޫނީ ބައެއް ތަކެތި ހުސްވުން އެކަށީގެންވާ ކަމަށް
ޑޮލަރުގެ އަގު މިހާރު ވަނީ 20 ރުފިޔާއިން މައްޗަށް އަރައިފަ އެވެ.