އުރީދޫ މަސްރޭސް މިއަހަރު ދެ ރަށެއްގައި

އުރީދޫ މޯލްޑިވްސް އިން ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީއާ ގުޅިގެން ”އުރީދޫ މަސްރޭސް 2025“ މިއަހަރު ދެ ރަށެއްގައި ބޭއްވުމަށް ނިންމައިފި އެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހު ކ. ހުރާގައި އަދި 29 ވަނަ ދުވަހު ށ. ފުނަދޫގަ އެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީ ކުރެވޭނެ އެވެ. ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 12 މީހުން ތިބެންޖެހޭނެ އެވެ. އަދި ކޮންމެ ސަރަހައްދަކުން އެންމެ ގިނަވެގެން 16 ޓީމަށް ވާދަކުރެވޭނެ އެވެ.
މުބާރާތުގެ އިނާމުތަކުގެ ގޮތުގައި ކޮންމެ ރަށަކުން ވެސް ޗެމްޕިއަންކަން ހޯދާ ޓީމަށް 25,000 ރުފިޔާ، ދެވަނަ އަށް 10,000 ރުފިޔާ އަދި ތިންވަނަ އަށް 5,000 ރުފިޔާ ލިބޭނެކަމަށް އުރީދޫއިން ހާމަކޮށްފައިވެ އެވެ. މީގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް ވެސް ޚާއްސަ އިނާމެއް ދޭން ވަނީ ހަމަޖައްސާފަ އެވެ.
16 ޓީމަށް ވުރެ ގިނައިން ރަޖިސްޓަރީ ވެއްޖެނަމަ، ބައިވެރިވާނެ ޓީމުތައް ހޮވުމަށް ގުރުއަތުލެވޭނެ އެވެ. ގުރުއަތުން ނުހޮވޭ ޓީމުތަކަށް ރަޖިސްޓްރޭޝަން ފީ އަނބުރާ ލިބޭނެކަމަށް އުރީދޫއިން ބުނެފައިވެ އެވެ.
މި މުބާރާތަކީ މުޖުތަމައުގެ އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ ހަރަކާތެއްކަމަށް އުރީދޫއިން ފާހަގަކޮށްފައިވެ އެވެ. އުރީދޫއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި މުބާރާތަކީ ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ މުބާރާތެކެވެ.
