ޖަޕާނުން ދޫކުރާ ސްކޮލާޝިޕްގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އިން "ދަ ޕްރޮޖެކްޓް ފޮ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް" (ޖޭޑީއެސް) ގްރާންޓްގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ އެ އެއްބަސްވުމަކީ ޖަޕާނުގެ ޔުނިވާސިޓީތަކުން މާސްޓާސް ޑިގްރީ ހާސީކުރުމުގެ 6 ފުރުސަތެއް ރާއްޖޭގެ ސިވިލް ސާވިސް މުވައްޒަފުންނަށް ފޯރުކޮށް ދިނުމުގެ ގޮތުން ސޮއިކުރެވޭ އެއްބަސްވުމެކެވެ.
އެ އެއްބަސްވުމުގައި، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ ވަޒީރު ޑރ. އަލީ ހައިދަރު އަހްމަދެވެ. އަދި ޖައިކާ މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މޮޓޯ ޓަކީ އެވެ.
ޖައިކާ އަކީ ދުނިޔޭގެ އެކި ޤައުމުތަކާއި ގުޅިގެން ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާ ފަދަ މުހިއްމު އެކި ދާއިރާތަކަށް ބޭނުންވާ ކުރިއެރުމާއި ތަރައްގީ ހޯދައިދިނުމަށް މަސައްކަތްކުރުމަށް ޖަޕާނުގެ ދައުލަތުން ގާއިމުކުރެވިފައިވާ އޭޖެންސީއެކެވެ. އެގޮތުން، ރާއްޖެއާއި އޭޝިޔާއަށް ނިސްބަތްވާ އެހެނިހެން ގައުމުތަކުގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ޖޭއައިސީއޭ އިން ދަނީ ތަފާތު އެކި ޕްރޮޖެކްޓްތަށް ކުރިއަށް ގެންދަމުންނެވެ.
ޖައިކާގެ ޖޭޑީއެސް ސްކޮލާޝިޕް ގްރާންޓްގެ ދަށުން ދިވެހި ދައުލަތުގެ ސިވިލް ސާވިސް މުވައްޒަފުންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ. މި ގްރާންޓްގެ ދަށުން، މިހާތަނަށް ޖުމްލަ 22 ދިވެހި ދަރިވަރުން ވަނީ ޖަޕާނުގެ ޔުނިވާސިޓިތަކުން މަތީ ތައުލީމު ހާސިލުކޮށްފަ އެވެ.
