ޚަބަރު

ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ލިބޭ ޝަރަފެއް: މޯދީ

. ، ދެން އޮންލައިން
ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު މޯދީއާ އެކު

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށް ފުރުސަތު ލިބިވަޑައިގަތުމަކީ ޝަރަފެއް ކަމަށް އިންޑިއާގެ ބޮޑުުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ ހުކުރު ދުވަހު ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވަވަޑައިގަތުމަކީ ފަހުރެއް ކަމަށެވެ.

ރާއްޖެ ވަޑައިގަންނަވަނީ ރަައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކަމަށާއި، ރައީސްއާ އެކު ބާއްވާ ބައްދަލުކުރެއްވުމުގައި ރާއްޖެ-އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާތައް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މޯދީގެ ދަތުރުފުޅުގައި ޖޮއިންޓް ޕްރޮޖެކްޓްތަކެއް އިފްތިތާހުކޮށް، އެކި ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވެ އެވެ.

މޯދީ އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެވެ. މޯދީ މި ފަހަރު ރާއްޖެ ކުރައްވާ ދަތުރުފުޅުވެގެންދާނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.

މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް މޯދީ އަށް ކުޑައިމީސްކޮށް ވާހަކަ ދެއްކުމުގެ ސަބަބުން ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. އެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް އިންޑިއާގައި އެންޓި ކެމްޕޭނެއްވެސް ހިންގި އެވެ.

އެކަމަކު ފަހުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް މުއިއްޒު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވައި މޯދީއާ އެކު ރަސްމީ މަޝްވަރާތަކެއް ބޭއްވި އެވެ.

 

 

Ads by Ooredoo