ޚަބަރު އިޖުތިމާޢީ

މަމްދޫހާގެ މައްސަލައިގައި އޭނާއާއި ދެކޮޅަށް މުޒާހަރާ ކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރޭޕްއާއި ދެކޮޅަށް މީގެ ކުރިން މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން | ފޮޓޯ: ސޯޝަލް މީޑިއާ

އުމުރަށް ޖަލަށް ލާފައި ހުރި ގާތިލެއްގެ މައްސަލައިގައި ބާރާއި ނުފޫޒުގެ ބޭނުން ކޮށްގެން ގާނޫނު އަސާސީ ބަދަލުކޮށް ގާތިލު ޖަލުން މިނިވަން ކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށް އެމައްސަލައިގައި ތުހުމަތު ކުރެވޭ އައިޝަތު މަމްދޫހާއާއި ދެކޮޅަށް މާލޭގައި މިއަދު މުޒާހަރާ ކޮށްފި އެވެ.

2012 ވަނަ އަހަރު ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅިގަނޑެއްގެ ތެރޭގައި ވަޅިން ހަމަލާ ދީ އަނިޔާވެރި ގޮތަކަށް ގަތުލުކޮށްލި ގ. ވޭރު، އަބްދުލް މުހީތު (ބޮބީ) ގެ މަރުގެ މައްސަލައިގައި އުމުރުން 18 އަހަރު ނުފުރޭ ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ރާއްޖޭގެ ގާނޫނު އޮންނަ ގޮތުން މަރަށް ހުކުމް ކުރާ މީހުންގެ މައްޗަށް ތަންފީޒު ކުރަނީ އުމުރަށް ޖަލަށް ލުމުގެ ހުކުމެވެ.

މިމައްސަލައިގައި މަރަން ހުކުމް ކުރި އެއް ކުއްޖެއްގެ މަންމަ، މަމްދޫހާއާއި ގުޅޭގޮތުން މީގެ ދުވަސްކޮޅެއް ކުރިން ވަނީ އަޑުތަކެއް ފެތުރިފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްއަށް މަހަކު 500،000 ރުފިޔާ ދީގެން ގާނޫނު އަސާސީއަށް ބަދަލު ގެނަސްގެން މަމްދޫހާ އޭނާގެ ދަރިފުޅު މިނިވަން ކުރަން އުޅޭކަމުގެ އަޑުތައް ފެތުރުނެވެ.

މިމައްސަލައިގައި އުސްފަސްގަނޑު ސަރަހައްދުގައި މިއަދު ވަނީ މުޒާހަރާ ކޮށްފަ އެވެ. މި މުޒާހަރާ ޓިކްޓޮކް ލައިވްއެއްގައިވެސް ކުރިއަށް ގެންދިޔަ އެވެ. ގާތްގަނޑަކަށް 2،500 މީހުން ބަލަމުން ދިޔަ އެ ލައިވްގައި މަމްދޫހާ ދައްކާފައިވާ ގިނަ ވާހަކަތަކެއް ވަނީ އިއްވައިފަ އެވެ. ލައިވް ކުރިއަށް ގެންދިޔައީ މަރިޔަމް ސަމާގެ ޓިކްޓޮކް އައިޑީ އިންނެވެ.

މިމަހުގެ ކުރީކޮޅު މަމްދޫހާ ވަނީ ޓިކްޓޮކް ލައިވްއެއްގައި މީހަކު ދެއްކި ވާހަކައަކާއި ގުޅިގެން ފުލުހުންނަށް މައްސަލައެއްވެސް ހުށަހަޅައިފަ އެވެ. މިމައްސަލައާއި ގުޅިގެން ގދ. ތިނަދޫއަށް އުފަން އާމިނަތު ފޭޒްލީގެ ފޯނު ވަނީ ހިފަހައްޓައިފަ އެވެ. މިއަދު ކުރިއަށް ގެންދިޔަ ޓިކްޓޮކް ލައިވްގައި ވަނީ މަމްދޫހާ، ފޭޒްލީން މައްސަލައިގައި ނުފޫޒުގެ ބޭނުން ކުރަމުން ދާކަމަށާއި "މިރޭ އަށްގަޑި ބައިގެ ކުރިން" ހައްޔަރުކޮށްގެން މާލެވެސް ގެންނާނެކަމަށް އޭރު ބުނި އޯޑިއޯ ކްލިޕްތަކެއްވެސް އިއްވައިފަ އެވެ.

މީގެ އިތުރުން މަޖިލިސް ނައިބު ރައީސަށް 500،000 ރުފިޔާ ދޭކަމުގެ ވާހަކަ މަމްދޫހާ ބައެއް މީހުންނާއި ހިއްސާ ކުރިކަމަށް ބުނެވެސް އާންމުން ވާހަކަ ދެއްކި އެވެ.

އައިޝަތު މަމްދޫހާ އެމްޑީޕީގައި ސިޔާސީ މަސައްކަތް ކުރުމަށްފަހު އެޕާޓީން ވަކިވެ 2015 ވަނަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މުޒާހަރާގައި ވާހަކަ ދައްކަމުން ފޭޒްލީން ބުނެފައިވަނީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ނަވީން އާއިއެކު ކޮފީއަށް އަރައި ތަހުގީގާއި ގުޅުންހުރި ކަންކަން މަޝްވަރާ ކުރަމުން ދާކަމަށް މަމްދޫހާ އެކި މީހުން ކައިރީގައި ބުނެފައިވާ ކަމަށެވެ. މިއަދުގެ މުޒާހަރާގައި ބައިވެރިން ކަންބޮޑުވުން ފާޅުކުރީ މަމްދޫހާ އޭނާގެ ނުފޫޒާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރާތީ އެމައްސަލަ ކަމާއިބެހޭ މުއައްސަސާތަކުން ބަލަންޖެހޭކަމަށް ބުނެ އެވެ.

މަމްދޫހާ އަކީ މީގެ ކުރިން މޯލްޑިވިއަން ޑިމޮކްރަޓިކް އެލަޔަންސް، އެމްޑީއޭގެ ނައިބު ލީޑަރުކަންވެސް ކުރި ފަރާތެކެވެ. އޭނާ ވަނީ ކުރީގެ ބައެއް ސަރުކާރުތަކުގައި ސިޔާސީ މަގާމުތައްވެސް ފުރައިފަ އެވެ.

ސަމާވެސް ވަނީ އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ކުރިއެރުމެއް ލިބިފައި ނުވާކަން ފާހަގަކޮށްފަ އެވެ. އޭނާ ވަނީ މާ ކުރިން ހުށަހެޅި މައްސަލައެއް ކުރިއަށް ނުދާއިރު މިމަހު މަމްދޫހާ ހުށަހެޅި މައްސަލައިގައި ފޭޒްލީންގެ ފޯނު ހިފެހެއްޓީ ކޮން ނުފޫޒެއްގެ ބޭނުން ކޮށްގެންތޯ ސުވާލު އުފައްދައިފަ އެވެ.

މިއަދުގެ މުޒާހަރާ ނިންމައިލީ ކުރިއަށް އޮތް ދުވަސްތަކުގައި މިހާރަށްވުރެއް ބޮޑަށް ތައްޔާރުވެގެން އެއްވުންތައް ބާއްވާނެކަމަށް ބުނެ އެވެ. އަދި ކަމާއިބެހޭ ފަރާތްތަކުން މިމައްސަލައިގައި އިންސާފުވެރި ތަހުގީގެއް ކުރިއަށް ގެންދިޔުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލައިފަ އެވެ.

Ads by Allied Insurance