ނިޝާން އިއްޒުއްދީންގެ ލަގަބު ގާސިމްއާ ސާބިރަށް

ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު ހަސަން ސާބިރު، ގ. ފިޔާތޮށިގެ އަށް ނިޝާން އިއްޒުއްދީން ވެރިކަމުގެ އިއްޒަތުގެ ލަގަބު އަރުވައިފި އެވެ.
މިހާރު ކުރިއަށްދާ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ސާބިރަށް އެ އިއްޒަތުގެ ލަގަބު އަރުވަން ނިންމީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭވުމުގައި އާއި އިގްތިސާދީ، މަސްވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ހާރިޖީ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށްޓަކަ އެވެ.
ސާބިރު ވަނީ ރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓްޓެޓިވް ކަމުގެ މަގާމާއި، ޔޫރަޕުގެ އިއްތިހާދަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގެ އިތުރުން އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަގާމު އަދާކުރައްވާފަ އެވެ.
ސާބިރު ބަލިވެ އުޅުއްވާތީ ނިޝާން އިއްޒުންދީންގެ އިއްޒަތާ ހަވާލުވީ އޭނާގެ ދަރިކަނބަލުން އައިޝަތު ރާނިޔާ ސާބިރު އެވެ.
ގާސިމް އިބްރާހިމް
ސަރުކާރުގެ އެތައް މަގާމުތަކެއް އަދާކުރައްވާފައިވާ ގާސިމަށް ދައުލަތުގެ އިއްޒަތް އަރުވަން ނިންމީ، ރައްޔިތުންނަށާއި ރާއްޖޭގެ އިޖުތިމާއި ދާއިރާ އަށާއި ތައުލީމީ ދާއިރާއަށާއި، ދައުލަތަށް އަގުހުރި ހިދުމަތްތަކެއް ކޮށްފައިވާތީ އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް، ވިލާ ކުންފުނި އުފެއްދެވީ 1976 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މާލޭ ބްރާންޗުން ނެންގެވި ލޯނަކުންނެވެ.
ގާސިމް ސިޔާސީ ކަންކަމުގައި އުޅުއްވަން ފެއްޓެވީ 1989 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު މެންބަރެއްގެ ގޮތުގަ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީކުރި ސިޔާސީ ޕާޓީ، އެމްޑީޕީ އުފެއްދުމަށް އިސްވެ ސޮއިކޮށް ސަރުކާރަށް ހުށަހެޅި 42 މީހުންގެ ތެރޭގައިވެސް ގާސިމް ހިމެނިވަޑައިގަންނަވަ އެވެ.
ޖުމްހޫރީ ޕާޓީ 4 އޯގަސްޓް 2008 ގައި އުފެއްދުމުގެ ކުރިން، ގާސިމް ވަނީ ޑީއާރުޕީގެ ނާއިބު ޒައީމްގެ މަގާމްވެސް ފުރުއްވާފަ އެވެ. ގާސިމް ވަނީ 2008، 2013 އަދި 2023 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރިޔާސީ އިންތިހާބުތަކުގައި ވާދަކުރައްވާފަ އެވެ.
ސޯޅަ އަހަރަށްވުރެ ގިނަދުވަހު ރާއްޖޭގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަމާއި، ސާކް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒްގެ ނާއިބު ރައީސްކަމާ އަދި ރައީސްކަމާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީގެ ވައިސް ޕްރެޒިޑެންޓްކަމާއި، ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަންވެސް ގާސިމް ކުރައްވާފައިވެ އެވެ. އަދި އޭނާ ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރުކަން ވެސް ކުރައްވާފަ އެވެ.