ޚަބަރު

ރާއްޖެއާއި ލަންކާއާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރާއްޖެއާއި ލަންކާއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން--

ރާއްޖެއާއި ސްރީލަންކާއާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ ދެ އެއްބަސްވުމުގައި ސޮއިކުރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއަށް ރާއްޖެއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެވެ.

އެ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރި ދެ އެއްބަސްވުމުގެ ތެރޭގައި ޖިނާއީ ގޮތުން މައްސަލަތަކުގައި އެއްބާރުލުން ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުން ހިމެނެ އެވެ.

ދެން ސޮއިކޮށްފައި ވަނީ ރާއްޖޭގެ ފޮރިން ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތަމްރީން ދިނުމާ ގުޅޭ އެއްބަސްވުމެކެވެ. އެ ގޮތުން ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް އާއި ސްރީލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް ޑިޕްލޮމެޓިކް ޓްރެއިނިން އިންސްޓިޓިއުޓް ގުޅިގެން އެ ތަމްރީންތައް ދޭނެ އެވެ.

ލަންކާގެ ރައީސް ޑިސަނާޔަކެގެ މި ދަތުރުފުޅަކީ، އެމަނިކުފާނު 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މަގާމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަދުވަހުގައެވެ. މި އަހަރަކީ ދެ ގައުމުގެ މި ތާރީހީ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.

Ads by Ooredoo