ލަންކާއަށް ބޭހަށް ދާ ދިވެހީންނަށް އެއް އަހަރުގެ ވިސާ ދެނީ

ަރާއްޖެއިން ސްރީލަންކާއަށް ބޭހަށް ދާ ދިވެހީންނަށް އެއް އަހަރުގެ ވިސާ ދޭން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
އެކަން ރައީސް މުއިއްޒު ހާމަކުރެއްވީ މިއަދު ރާއްޖެ ވަޑައިގެންނެވި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކައާއެކު ބޭއްވެވި ދެ ގައުމުގެ ރަސްމީ މަޝްވަރާތަކަށް ފަހު އެވެ.
އެގޮތުން ބޭހަށް ދާ ދިވެހީންނަަށް އަހަރު ދުވަހުގެ ވިސާ ދޭން ލަންކާއިން ނިންމުން އެކަން ފާހަގަކޮށް ރައީސް މުއިއްޒު ލަންކާގެ ރައީސްއަށް ޝުކުރު އަދާކުރެއްވި އެވެ.
ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ނިންމަވާލައިފައިވަނީ، ގާބިލުކަން އިތުރުކުރުމާއި، ތަޢުލީމީ ދާއިރާ އާއި، މޫސުމަށް އަންނަ ބަދަލުތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ކާނާގެ ރައްކާތެރިކަމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ވައިގެ ގުޅުންތައް ހަރުދަނާ ކުރުމުގެ އިތުރުން ކުޅިވަރާއި ޒުވާނުންގެ ތަރައްޤީ ހިމެނޭހެން ދެ ގައުމުގެ މެދުގައި ގުޅުންތައް ހަރުދަނާކުރެވިގެންދާނޭކަމަށް ދެކިވަޑައިގަންނަވާކަމުގައި، ދެ ބޭފުޅުންވެސް އިއްތިފާގުވެވަޑައިގަންނަވަމުން ނެވެ
ލަންކާގެ ރައީސް ޑިސަނާޔަކެގެ މި ދަތުރުފުޅަކީ، އެމަނިކުފާނު 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މަގާމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަދުވަހުގައެވެ. މި އަހަރަކީ ދެ ގައުމުގެ މި ތާރީހީ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ