ޔުމްނު ވެެއްޓުނު ހާދިސާ: ޖިނާއީ ތަހުގީގެއް ހިންގާތޯ ބަލަން މިނިސްޓަރާ ސުވާލުކުރަނީ

މިދިޔަ އޭޕްރީލް މަހު 18 ވަނަ ދުވަހު މާލޭ ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ޖިނައީ ތަހުގީގެއް ހިންގާފައިވޭތޯ ހޯމް މިނިސްޓަރު އަލީ އިހުސާނާ ސުވާލު ކުރުމަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ބެލި އިންކުއަރީ ކޮމިޝަންއިން އާންމުކުރި ރިޕޯޓުގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ލަފާދީފައިވެ އެވެ.
އިންކުއަރީ ކޮމިޝަންގެ ރިޕޯޓުގައި އެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންގެ އިދާރާގެ ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ.
އެ ކަންކަން އިސްލާހު ކުރުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖޫން މަހު އޮތީ ހޯމް މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީއަށް އަންގަވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު ވަނީ އެކަންކަން ގުޅޭ ގުޅޭ ގޮތުން މިނިސްޓަރު އިހުސާން ލިޔުމުން ޖަވާބު ދެއްވުމަށް ހުށަހަޅުއްވައިފަ އެވެ.
އިބްރާހިމްގެ ސުވާލުގައި އެދިވަޑައިގަތީ ކޮމިޝަންގެ ރިޕޯޓުގައި ޖިނާއީ ތަހުގީގު ހިންގަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ މައްޗަށް ފުލުހުން ތަހުގީގެއް ކުރަމުންދޭތޯ ސާފުކޮށްދެއްވުމަށެވެ. އަދި އެ ތަހުގީގު ކުރިއަށްދާނަމަ މިހާރު ގޮސްފައިވާ ހިސާބު ސާފުކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.
ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި
- ހާދިސާގެ މައުލޫމާތު ލިބުމުން، ފުލުހުންގެ ކޮމާންޑް ސެންޓަރުން އިންވެސްޓިގޭޝަން އޮފިސަރަށް މައުލޫމާތު ދީފައިވަނީ ގަޑިއެއްހާއިރު ފަހުންކަމަށްވާތީ ކުށުގެ ވެށިން ތަހުގީގަށް ބޭނުންވާނެ ހެކި، ގަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުން އިންވެސްޓިގޭޝަން އޮފިސަރު ކުށުގެ ވެއްޓަށް ދިޔުން
- ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރު ވެސް، މައްސަލަ ތަހުގީގުކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުމުގެ ސަބަބުން، ތަހުގީގަށް ބޭނުންވާ ފުރިހަމަ މަައުލޫމާތާއި ހެކިތައް އެވަގުތު ހޯދިފައިނުވުން
- ކުށުގެ ވެށްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރިއިރު، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވުމާއި ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލުން
- ޔުމްނު ވެއްޓިފައި އޮތް ހ.މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ނުކޮށް ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑަނާޅައި ކުށުގެ ވެށި ރައްކާތެރިނުކުރުން.
އެހެންކަމުން އެ ކަންކަން ތަކުރާރުވެ ނުދިނުމަށް ޓަކައި، ފުލުހުންގެ އެސްއޯޕީތައް ރިވައިސްކޮށް، މުވައްޒަފުން އަހުލުވެރިކޮށް، ތަމްރީނުދީ އެ ހާދިސާގައި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އެ މުވައްޒަފުންނާމެދުގައި އިސްލާހީ ފިޔަވަޅު އެޅުމަށް ރިޔާސީ ކޮމިޝަނުން ދީފައިވާ ލަފަޔާއި އެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް ވަނީ އަންގަވައިފަ އެވެ.
ކޮމިޝަންގެ ރިޕޯޓުގައި ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ އައިޖީއެމްއެޗް އަދި ފެމިލީ ޕްރޮޓެކްޝަން ޔުނިޓްގެ ބޮޑެތި މައްސަލަތަކެއް ވެސް ފާހަގަކޮށްފައި ވެއެވެ.
އޭގެ ތެރޭގައި
- ޔުމްނުއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޓަކައި އައިޖީއެމްއެޗްގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) އިން އައިޖީއެމްއެޗުގެ އެފްޕީޔޫއަށް އެންގުމަށްފަހު، އެފްޕީޔޫގެ މުވައްޒަފު އެޓެންޑުނުވުމުން އެކަން ނުކޮށް ދޫކޮށްލުން
އެހެންކަމުން އައިޖީއެމްއެޗާއި އެ ހޮސްޕިޓަލުގައި ހުންނަ އެފްޕީޔޫގެ އިދާރީ ކަންކަން ހަރުދަނާކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް މުއިއްޒު ވަނީ ހެލްތު މިނިސްޓްރީއަށް އަންގަވައިފަ އެވެ.
ރައީސް ވަނީ ޔުމްނު ވެއްޓުނު ހާދިސާގައި އިހުމާލުވި ރައުދު އަހުމަދު ޒިލާލުގެ ބޭބެގެ ދާއުދު އަހުމަދު ޒިލާލުގެ މައްޗަށް ވެސް ފިޔަވަޅު އަޅަން އަންގަވައިފަ އެވެ.
ދާއުދުގެ މައްޗަށް ފިޔަވަޅު އަޅަން އެންގީ ފުލުހުންނަށް ދޮގު ބަޔާން ދިނުމާއި ޔުމްނު ވެއްޓުނުކަން އެނގިހުރެ އިދާރާތަކަށް ނާންގައި ތިބިކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ އެވެ.