ޚަބަރު

ކައުުންސިލްތަކުގެ މުއާމަލާތްތައް ހަނިކުރާ ބިލު އަނބުރާ ގެންދަން އިމްރާން ގޮވާލައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ކައުުންސިލްތަކުގެ މުއާމަލާތްތައް ހަނިކުރާ ބިލު އަނބުރާ ގެންދަން ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފި އެވެ.

ކައުންސިލްތަކުގެ ފަހު އަހަރު މާލީ އާ މުއާމަލާތެއް ނުކުރެވޭ ގޮތް ހަދަން ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ހުށަހެޅުއްވި ބިލު މިއަދު މަޖިލީހުން ވަނީ ފާސްވެސްކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މި ބިލު އަދި ތަސްދީގު ނުކުރައްވާއިރު، އިމްރާން މިއަދު އެކްސްގައި ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭ ކޮންމެބަދަލަކީ ރަނގަޅަށް ދިރާސާކޮށް، ފުޅާކޮށް މަޝްވަރާކުރުމަށްފަހު ރައްޔިތުންގެ ހެވާ ލާބަޔަށް ގެނެވޭ ހެޔޮ ބަދަލަކަށް ވާން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް މިހާރު ހުށައެޅިފައިވާ އިސްލާހުގެ ސަބަބުން ކައުސިލްތަކުގެ މާލީތަނަވަސްކަންކުޑަވެ، ހިންގުމަށްދަތިވެ، ރައްޔިތުންގެ ގިނަ ހައްގުތަކަކަށް އުނިކަން ލިބިގެންދާނެ ކަމަށެވެ.

"މުޅި ނިޒާމު ކުރިއެރުމުގެ ބަދަލުގައި އެތައް އަހަރަކަށް ފަހަތައް ސޮއްސާލާނެ. ރައްޔިތުންގެ ހައްގުތަކާމެދު ފުންކޮށް ވިސްނަވާ" އިމްރާން ވިދާޅުވި އެވެ.

ސަރުކާރުން ބިލު އަނބުރާ ގެންދަން އިމްރާން ގޮވާލެއްވީ، މާތްﷲއަށް ބިރުވެތި ވުމަށް ވެސް ވިދާޅުވަމުންނެވެ.

މިއަދު ފާސްކުރި ބިލުގައި ބުނެފައިވާ ގޮތުން ކައުންސިލްތަކު ދައުރުގެ ފަހު އަހަރު ފިނޭންސް މިިނިސްޓްރީއާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ(އެލްޖީއޭ)އިން ކަނޑައަޅާ އުސޫލާއެއްގޮތަށް ނޫން ގޮތަކަށް މާލީ ބައެއް ކަންކަން ނުކުރެވޭނެ އެވެ.

އެގޮތުން ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުން ނެގުން ނުވަތަ ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނުނެގޭނެ އެވެ. ކައުންސިލްގެ އިހުތިސޯސްތަކުގައި ހުންނަ ފަޅު ފަޅާއި ބިމާއި ފަރުތައް ވެސް ކުއްޔަށް ނުދެވޭނެ އެވެ.

އޭގެ އިތުރުން ކައުންސިލްގެ ފަހު އަހަރު ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންގައި ކަނޑައެޅިފައި ނުވާ ތަރައްގީގެ އާ މަޝްރޫއުތައް ވެސް ނުފެށޭނެ އެވެ.

ބިލުގައި ވަނީ ލޯކަލް ކައުންސިލްތަކުން އުފައްދަ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރި ވެސް ހަނި ކުރެވޭ ގޮތަށް ހުށަހަޅައިފަ އެވެ.

އެގޮތުން އަމިއްލަ ފަރާތަކުން އެ ރަށެެއްގައި ކުރާ ވިޔަފާރި މަސައްކަތެެެއް ލޯކަލް އޮތޯރިޓީއަށް ނުކުރެވޭނެ އެވެ. އޭގެ އިތުރުން އެފަދަ މަސައްކަތެއްގެ އިންވެސްޓްމަންޓް 10.މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

Ads by Ooredoo