ޚަބަރު

އިސްރާއިލުގެ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދަން ނިންމި ނިންމުން ރާއްޖެއިން ކުށްވެރިކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފޮރިން މިނިސްޓްރީ ހިންގާ ފަތުހުﷲ ޖަމީލް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

އިސްރާއިލުގެ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދަން އެ ގައުމުން ނިންމި ނިންމުން ރާއްޖެއިން ކުށްވެރިކޮށްފި އެވެ.

Ads by STELCO

ފޮރިން މިނިސްޓްރީން ބުނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މުޅި ޣައްޒާގެ ހިންގުން ފުރިހަމަ ބާރުގެ ދަށަށް ގެންދަން ނިންމަން އުޅޭކަމަށް އިސްރާއިލުން ހާމަކުރުމަކީ ބައިނަލްއަގުވާމީ ގާނޫނާ މުޅިން ހިލާފު ކަމެކެވެ. އަދި ފަލަސްތީނުގެ އަމިއްލަ ވެރިކަން ހިންގުމަށް އެޅޭ ހުރަހެއްކަމަށާއި ފަލަސްތީނުގެ ސިޔާދަތީ ބާރަށް އަރައިގަތުން ކަމުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށް ބުންޏެވެ.

އެހެންވެ އިސްރާއީލުން ނިންމި ނިންމުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފަ އެވެ.

އަދި ބައިނަލްއަގުވާމީ މުޖުތަމައުއަށް އިސްރާއީލުގެ އެ ނިންމުން ތަންފީޒު ކުރަން ހުއްޓުވުމަށް އިސްރާއީލަށް މަޖުބޫރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ރާއްޖެއިން ގޮވާލި އެވެ.

އޭގެ އިތުރުން އިސްރާއީލުން ފަލަސްތީނުގައި ހިންގާ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓުވައި، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުމަށްވެސް ރާއްޖެއިން ގޮވާލި އެވެ.

ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭން އަބަދުވެސް ތާއީދު ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ސުލްހަވެރި ހައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމު ކުރެވިގެން ކަމަށެވެ.

Ads by Allied Insurance